ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް މުވައްޒަފުން ހުކުރު ދުވަހުން ފެށިގެން ސިވިލް ސަރވިސް މަގާމުން ސަސްޕެންޑްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވަންޓުން މާދަމާއިން (ހުކުރު ދުވަހުން) ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން އަދި އެފަދަ ކެންޑިޑޭޓުންނަށް އެކަން އަންގަންވާނެ ކަމަށްވެސް ހަބީބު ވިދާޅުވެފައިވެއެވެ.
ހަބީބު ވިދާޅުވީ، ނަން އަނބުރާ ގެންގޮސްފިނަމަ، ވަޒީފާ ރުޖޫޢަވެވޭނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް އެ ހުކުމެއް ނުހިނގާނެ ކަމަށް ވެސް ހަބީބު ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ކޮވިޑް-19 އާގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޭފްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފަ އެވެ. އެގޮތުން، މި ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުން (މާދަމާއިން) ފެށިގެން އިންތިޚާބުގެ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިޚާބަކީ، މިދިއަ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރި އިންތިޚާބެކެވެ. ކޮވިޑް-19 ޕެންޑަމިކާ ގުޅިގެން އިންތިޚާބު ފަސްކުރަން ނިންމުމަށްފަހު، އަދި ފަހުން އިންތިޚާބު ބޭއްވޭނެ ހާލަތެއް ނެތްކަމަށް ފެންނާތީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ވަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާބެހޭ ޚާއްޞަ ޤާނޫނު 2020" އެކުލަވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެޤާނޫނަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން އެއް ހަތަރުގެ ތެރޭގައި ލޯކަަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އެ ޤާނޫނު ބުނާގޮތުން މިއަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވައި ނިންމަންޖެހެއެވެ.
އިންތިޚާބު ފަސްވުމާއި، އިންތިޚާބު ބޭއްވޭނެ ދުވަހެއް ކަނޑައެޅިގެން އެނގެން ނެތުމުން މީގެކުރިން ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ނަގާފައެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ މައިޕާޓީ އެެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަކުރާ ކެންޑެޓޭޓުން ވެސް ހިމެނެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާގޮތުގައި ޖުމްލަ 114 ކެންޑިޑޭޓަކުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އޭގެތެރޭގައި، ލޯކަލް ކައުންސިލް އިންތިޚާބުން 74 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން 40 ކެންޑިޑޭޓެއް ހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.