ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 08:53
ސީ.އެޗް.އެސް.އީ.ގެ އިމްތިޙާނެއްގެ ތެރެއިން
ސީ.އެޗް.އެސް.އީ.ގެ އިމްތިޙާނެއްގެ ތެރެއިން
ސީއެޗްއެސްއީ
އޭލެވެލް އިމްތިޙާން
މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާނު ރީޗެކްކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
ހުޅުވާލާފައިވަނީ 14 ފެބުރުވަރީ 2021ގެ 12:00އާ ހަމައަށް
2020 އޭލެވެލްގައި 1500އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި

މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާނު ރީޗެކްކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ކުރި ޓުވީޓެއްގައި ވަނީ 2020 އޮކްޓޫބަރު/ ނޮވެންބަރު އޭލެވެލް އިމްތިޙާން ރީޗެކްކުރުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ 14 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00އާ ހަމައަށް ކަމަށް ޑީ.ޕީ.އީ.އިން ހާމަކުރިއެވެ.

1500 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭ ލެވެލް އިމްތިޙާނު ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ. އިންޓަރނޭޝަނަލް އެޑްވާންސްޑް ލެވެލް އެޑެކްސެލް އޭލެވް އިމްތިހާނު ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ އޭލެވް އިމްތިޙާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 1528 ދަރިވަރަކު ބައިވެރިވެފައިވާކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލްތަކުން 1068 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 460 ދަރިވަރުން ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އޭ ލެވެލް އިމްތިޙާނު މިފަހަރު ރާއްޖޭގެ 37 މަރުކަޒެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ކުރީގެ އިމްތިޙާނުތަކާ ޚިލާފަށް މިފަހަރުގެ އިމްތިހާނަށް ހޯލުތައް ތައްޔާރުކޮށްފައިއޮތީ ވެސް ކޮވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އިމްތިޙާން ހަދާ ކޮންމެ ރަށެއްގައި ކަރަންޓީނުގައި ތިބޭ ކުދިންނަށް އިމްތިޙާން ހެދޭނެ ވަޞީލަތްތަކާއި އަދި ޕޮޒިޓިވްވާ ކުދިންނަށް އިމްތިޙާން ހެދޭނެ ވަޞީލަތްތައް ޤާއިމުކޮށްދިނެވެ. އަދި އެފަދަ ޙާލަތެއްގައި ވެސް އިމްތިޙާން ކުރިއަށްގެންދިއުމަށް ބޭނުންވާނެ ވަޞީލަތްތަކާއި މަޢުލޫމާތު އިންވިޖިލޭޓަރުންނާއި ޓީޗަރުންނަށް ވެސް ވަނީ ޙިއްޞާކޮށްފައެވެ.

މިއަހަރުގެ އޭ ލެވެލް އިމްތިހާން ޖުމްލަ 37 ސެންޓަރެއްގައި ކުރިއަށްދިޔައިރު، އޭގެ ތެރެއިން 4 ސެންޓަރެއް ޤާއިމުކޮށްފައި ވަނީ މާލޭ ސިޓީގައެވެ. މާލޭގެ އިމްތިޙާން ހަދާ ސެންޓަރުތަކުގެ ތެރެއިން މިފަހަރު އެންމެ ގިނަ ކުދިން އިމްތިޙާން ހަދާފައިވަނީ، ސީ.އެޗް.އެސް.އީގައެވެ. އެގޮތުން އެސްކޫލުން އެކަނިވެސް 450 ވުރެ ގިނަ ދަރިވަރުން މިފަހަރުގެ އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ.

- ކޮމެންޓް