ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 07:55
ކަރެކްޝަންސްގެ ކޯހުގެ ތެރެއިން
ކަރެކްޝަންސްގެ ކޯހުގެ ތެރެއިން
ކަރެކްޝަންސް
ޤައިދީންގެ ތަޢުލީމް
ޤައިދީންނަށް ކުރިއަށްގެންދާ ދެ ކޯހެެއްގެ ކިޔެވުން ފަށައިފި
ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯހެއް ވަނީ ފަށާފައި
އެސެންޝަލް އެގްރިކަލްޗަރ ކޯހުގެ އޮރިއެންޓޭޝަން ކޯހުގެ އެއްވަނަ ބެޗްވެސް ވަނީ ފަށާފައި

ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދެ ކޯހެއްގެ ކިޔެވުން ފަށައިފިއެވެ. އެގޮތުން ކިޔެވުން ފަށާފައިވަނީ ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯހުގެ ހަވަނަ ބެޗްގެ ކިޔެވުމާއި، އެސެންޝަލް އެގްރިކަލްޗަރ ކޯހުގެ އޮރިއެންޓޭޝަން” ކޯހުގެ އެއްވަނަ ބެޗްގެ ކިޔެވުންކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބުނިގޮތުގައި މައިގަނޑު ގޮތެއްގައި ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯހުގެ ހަވަނަ ބެޗްގެ ކިޔެވުން މި މަހުގެ 21 ވަނަ ދުވަހު ފަށައިފައިވާކަމަށެވެ. މާފުށީ ޖަލުގައި ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 12 ގައިދީންނާއި 15 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގެ މަޤްސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާބެހޭ މަޢުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި، ތަކެތި ކިޔައިދީ، ކަރަންޓާއި ބެހޭ އެންމެހާ މަސަތްކަތްތައް ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ، ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، ޖަލުގެ މާޙައުލުން ނުކުތުމަށްފަހު ގޯތިގެދޮރާއި އެހެނިހެން އިމާރާތްތަކާއި ތަންތަން ވައިރު ކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދިނުންކަމަށް އެމްސީއެސް ބުންޏެވެ.

މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ކިއު.އޭއިން ލެވަލް 01 ގެ ފެންވަރަށް ޤަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެއެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

މި ކޯހުގައި މައިގަނޑު ހަތް (7) މޮޑިއުލް ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ، އިންސްޕެކްޝަން، ޓެސްޓިންގ، ފޯލްޓް ފައިންޑިންގ އެންޑް ރިޕެއަރ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން، އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރުކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ސާރވިސް / ރިޕެއަރ އޮރ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއަރ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބު ވެސް ކިޔަވާދޭނެކަމަށް އެމްސީއެސްއިން މަޢުލޫމާތު ދެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ” އެސެންޝަލް އެގްރިކަލްޗަރ ކޯހުގެ އޮރިއެންޓޭޝަން” ކޯހުގެ އެއްވަނަ ބެޗްވެސް މާފުށީ ޖަލުގައި ވަނީ ފަށާފައެވެ. ގައިދީން އިޞްލާޙުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 18 އަންހެން ޤައިދީންނާއި ދެ އަންހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ކޯހުގެ މުއްދަތަކީ 15 ހަފުތާއެވެ.

މި ކޯހުގެ މަޤްޞަދަކީ ޤައިދީންނަށް ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމެވެ. މީގެ އިތުރުން މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީވެސް މިކޯހުގެ އަމާޒެކެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ދަނޑުވެރިކަން ކުރުމުގައި ވިސްނަންވީ ކަންތައްތަކާ ބެހޭ އިތުރު މަޢުލޫމާތުތައް ހިއްސާކުރުމާއި، ގަސް އިންދައި ހައްދާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، ޖަލުގެ މާޙައުލުން ނުކުތުމަށްފަހު ދަނޑުވެރިކަމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.

- ކޮމެންޓް