ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 07:34
މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު އިންނަވަނިކޮށް
މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު އިންނަވަނިކޮށް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޓިކްޓޮކް
މަޖިލީހުގެ އައު ޓިކްޓޮކުން ހާމަކުރީ ލައިބްރަރީއާއި ޑިޖިޓަލް އާކައިވް ހުޅުވަން އުޅޭކަން
މަޖިލީހުގެ ރަސްމީ ޓިކްޓޮކް އެކައުންޓެއް ހުޅުވައި ބޭނުންކުރަން ފަށާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު
އަންނަ ފެބްރުއަރީ 4ގައި މަޖިލިސް ލައިބްރަރީއާއި ޑިޖިޓަލް އާކައިވް ރައީސް އިފްތިތާޙްކޮށްދެއްވާނެ

މިމަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ލޯންޗްކުރި ޓިކްޓޮކް ވެގެން މި ދިޔައީ ގިނަ ބަޔަކު ހައިރާންކުރުވި ކަމަކަށެވެ.

އެގޮތުން އެކި ފާޑުފާޑުގެ މިއުޒިކް ވީޑިއޯތަކާއި ލަވަތައް އެކި ރެންޑިޝަންތަކަށް ހަދާ ދައުރުކުރުވާ ސޯޝަލް މީޑިއާގެ މި ޕްލެޓްފޯމް މަޖިލީހުން ބޭނުން ހިފާނީ ކިހިނަކުންތޯ ދިޔައީ ސުވާލުކުރަމުންނެވެ.

މިކަމަށް ސީދާ ޖަވާބެއް އޭރު މަޖިލީހުގެ އިދާރާއިން ނުދެއްވިނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓްގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޒުވާނުންނަށް ފަސޭހައިން ލިބޭނެ މަގުފަހިވެގެންދާނެކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް އެކައުންޓެއް ހުޅުވުމުން އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. މި ފިޔަވަޅުގެ ސަބަބުން މަޖިލީހުގެ މަޢުލޫމާތު އައު އޯޑިއަންސްއަކަށް ފޯރުކޮށްދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް ޤައުމުގެ ހުންގާނުގައި ހިފުމަށް ތައްޔާރުވަމުންދާ ޒުވާނުންނަށް މި އެކައުންޓްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މީޑިއަމް މެދުވެރިކޮށް ވެސް ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެކަން ރައްޔިތުންގެ މަޖިލީހުން މިވަނީ ސާބިިތުކޮށްދީފައެވެ. އެގޮތުން މަޖިލީހުގެ އައު ޓިކްޓޮކްގައި ވަނީ މަޖިލީހުގެ ލައިބްރަރީއާއި ޑިޖިޓަލް އާކައިވް މިއަހަރަށް ރައްޔިތުންގެ މަޖިލީސް ފަށާ ދުވަހު ހުޅުވަން ނިންމާފައިވާކަން މިވަނީ ހާމަކޮށްފައެވެ. އާންމުގޮތެއްގައި ނޫސްބަޔާނަކުން ނުވަތަ ޕްރެސްކޮންފަރެންސަކުން އާންމުކުރާ މިފަދަ ނިންމުމެއް ޓިކްޓޮކަކުން އާންމުކުރުމުން، ކުރިން މަޖިލީހުގެ ރައީސް ދެންނެވި ޒުވާން ޖީލަށް މި މަޢުލޫމާތު ވަރަށް ފަސޭހައިން ފޯރުކޮށްދެވިފައިވާކަން އެ ޓިކްޓޮކަށް ލިބިފައިވާ ކޮމެންޓްތަކާއި، 47 ހާސް މީހުންގެ ވިއުސް ލިބުނު ލިބުމުން އެނގިގެންދެއެވެ.

މަޖިލީހުގެ ޓިކްޓޮކް ވީޑިއޯގެ ތެރޭގައި މަޖިލީހުގެ ރައީސް ވަނީ އަންނަ ފެބްރުއަރީ 4ގައި މަޖިލިސް ލައިބްރަރީއާއި ޑިޖިޓަލް އާކައިވް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މި ވީޑިއޯގައި ލައިބްރަރީގެ އެތެރޭގެ މަންޒަރުތައް ދައްކާލާފައިވާއިރު، ލައިބްރަރީގެ ބައެއް މަޢުލޫމާތު ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ލައބްރަރީގައި މަޖިލީހުގެ ވަރަށް ގިނަ މުސްކުޅި ލިޔުންތައް ހުރިކަމަށެވެ. އެގޮތުން ޒާމާނުއްސުރެ ލިޔަމުން އައި ޔައުމިއްޔާތަކާއި، ކުރީއްސުރެ އުފެދިގެން އައި ޤާނޫނުތައް މި ލައިބްރައީގައި ހުންނާނެކަމަށެވެ.

މަޖިލީހުގެ ޓިކްޓޮކްތައް މިހާރު އިތުރުކުރަމުންދާއިރު، އެންމެ ފަހުން ވަނީ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ސެކެޓޭރިއޭޓްގައި ހިމެނޭ މުވައްޒަފުންނާ ބައްދަލުކުރެއްވިކަން ވެސް ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް