އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެމްޕެއިން ކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ގައިޑް ލައިންގައި ހިމަނާފައިވާކަން ހާމަވެއްޖެއެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބޭއްވޭ ގޮތަށް ޤާނޫނު އިޞްލާހުކޮށްފައިވާއިރު، އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިން އެޗް.ޕީ.އޭ.އިން އެކުލަވާލަން ވެސް ޤާނޫނުން ވަނީ ލާޒިމްކޮށްފައެވެ. އެޗް.ޕީ.އޭ.އިން މިހާރު ވަނީ އެ ގައިޑްލައިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ. ނަމަވެސް އެޗް.ޕީ.އޭ.އިން އަދި މި ގައިޑްލައިން އާންމު ކޮށްފައެއް ނުވެއެވެ.
އެ ގައިޑްލައިންގައި އެޗް.ޕީ.އޭ. އިން ލަފާދީފައި ވަނީ ގޭގެ އަށް ގޮސްގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް އިޚުތިޔާރު ކުރުމަށެވެ. އަދި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށާއި މާލެއިން ރަށްރަށަށް ގޮސް ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތްކަން ކަށަވަރުވުމުން ކަމަށް ގައިޑްލައިންގައި ވެއެވެ.
އެ ގައިޑްލައިންގައި އޮންލައިންކޮށް ކެމްޕެއިން ކުރުމަށް ބާރު އަޅާފައިވާއިރު، ގޭގެއަށް ޒިޔާރަތްނުކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. ވަކިން ޚާއްޞަކޮށް މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްރަށުގެ ގޭގެއަށް ޒިޔާރަތްނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެ ގައިޑްލައިންގައި ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ތާއީދު ހޯދުމުގެ ހުރިހާ ހަރަކާތެއް އެޗް.ޕީ.އޭ.އިން އާއްމުކުރާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.
އެޗް.ޕީ.އޭ.އިން އެކުލަވާލި އިންތިޚާބު ބޭއްވުމުގައި ޢަމަލުކުރާނެ ގައިޑްލައިނާ ގުޅޭ ގޮތުން މި މަހުގެ 26 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައި ވަނީ އެޗް.ޕީ.އޭ.ގެ ގައިޑްލައިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަކީ ދަތިކަމެއް ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިން މިހާރު އޮތް ގޮތުން އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބަޖެޓުގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން އަބަދުވެސް މި ގާނޫނު އިޞްލާޙުކުރަމުން އައި އިރުގަވެސް އަޅުގަނޑުމެން ދަންނަވާފަ އޮންނާނެ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށްޓަކާ އެޗް.ޕީ.އޭ.ގެ އިރުޝާދުގެ ދަށުން އިންތިޚާބު ބާއްވަން ޤާނޫނުގައި ނުލިޔުއްވާށޭ. އެޗް.ޕީ.އޭ.އަކީ އިންތިޚާބާ ބެހޭ މުއައްސަސާ އެއްވެސް ނޫން. އިންތިޚާބުގެ ކަންކަމުގައި އެބޭފުޅުންގެ ތަޖުރިބާއެއްވެސް ނުހުންނާނެ. އެބޭފުޅުން ނެރުއްވާނެ ގައިޑްލައިނަކީ ސިއްޙީ ނުރައްކަލުގެ ހާލަތުން އާންމު ރައްޔިތުން ރައްކާތެރިވެވޭނީ ކޮންގޮތަކަށްތޯ. އެ ގައިޑްލައިން އެބޭފުޅުން މިހާރު ތައްޔާރުކުރައްވާފައި ވެސް އޮތީ.އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން މަސައްކަތްކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހު ބޭއްވުމަށެވެ. ނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން އެ ދުވަހަށް އިންތިޚާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެފައިވެއެވެ.
އޭގެ ފަހުން އިންތިޚާބު ބޭއްވުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އިލެކްޝަންސްގެ ގައުމީ ލަފާދޭ ކޮމިޓީން ވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހާއި ދިހަވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށް މަޝްވަރާކޮށްފައެވެ. އެއާއެކު އެންމެ ފަހުން އީސީން ވަނީ އޭޕްރީލް މަހުގެ 10 ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމާ މި މަހުގެ 26 ވަނަ ދުވަހު އެކަން އިޢުލާނުކޮށްފައެވެ.