ސަރުކާރުންވެފައިވާ ވައުދާއެއް ގޮތަށް މަސްވެރިންނަށް އައިސްފޯރުކޮށްދިނުމުގެ ކެޕޭސިޓީ ކުރިއަށް އޮތްތަނުގައި 45 އިންސައްތައަށް އިތުރުކުރާނެކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްވައިފިއެވެ.
އުތުރުގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހއ.ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޒަހާ ވިދާޅުވީ ހޯރަފުށީގައި އައިސް ޕްލާންޓެއް އެޅުމަށް އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ.
ހޯރަފުށީގައި ގާއިމްކުރެވޭ އައިސް ޕްލާންޓަކީ ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ފުރަތަމަ ކުރިއަށް ގެންދާ މަޝްރޫއު ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސްވެރިކަން ކުރާ އެކިއެކި ސަރަހައްދުތަކުގައި މިމޮޑެލްގެ ދަށުން އައިސް ޕްލާންޓްތައް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އައިސްފޯރުކޮށްދިނުމުގެ ކެޕޭސިޓީ މިސަރުކާރުން 45 އިންސައްތައަށް އިތުރުކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ޒަހާ ވިދާޅުވީ ހޯރަފުށީގައި ގާއިމް ކުރެވޭ އައިސްޕްލާންޓާއެކު މިވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަޅުގަނޑު ދަންނަވާނީ އިބްރާހިމް މުހައްމަދު ސޯލިހުގެ މިސަރުކާރުގައި އަޅުގަނޑުމެން ވެފައިވާ ވައުދު އެއީ ރާއްޖޭގައި އައިސް ލިބުމުގެ ތަނަވަސްކަން 45 އިންސައްތައަށް އިތުރު ކުރާނެ ކަމުގެ ވައުދު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިސަރުކާރުން ފުއްދާނެއޭ. އެހެންވީމަ މިއަދު މިސޮއިކުރެވުނު އެގްރިމެންޓަކީވެސް އަޅުގަނޑުމެން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު އެއްބަސްވުމެއް މިކުރެވުނީ އަދި ހަމައެއާއެކު މިއިން މިހާމަވެގެންދަނީ ރައްޔިތުން ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހުގައި މިމަސައްކަތް ކުރެވިއްޖެކަމަށް ވާނަމަ ކާމިޔާބީ ލިބޭނެކަން. ހޯރަފުށީ ކައުންސިލުން މިފްކޯއާއެކު މިސޮއިކުރެއްވި އެގްރިމެންޓަކީ މިފްކޯއަކީ މިކަމުގައި ތަޖުރިބާ ހުރި ފަރާތެއް އެހެންކަމުން މިކަމުގެ ސަބަބުން ޔަގީން ކަމާއެކު މިއައިސް ޕްލާންޓަކީ ވެސް ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ އައިސް ޕްލާންޓެއް ކަމަށް ވެގެންދާނެ.ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
މިނިސްޓަރު ޒަހާ ވިދާޅުވީ އަމިއްލަ ފަރާތްތަކަށްވެސް އައިސް ޕްލާންޓް ގާއިމް ކުރެވޭނެ ކަމަށާއި، ރަނގަޅު ގޮތުގައި ހިންގިއްޖެކަމަށްވާނަމަ ނަފާ ލިބި އެރަށަކަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ލިބޭނެކަން މިނިސްޓަރު ޒަހާ ފާހަގަކުރެއްވިއެވެ.