އުތުރުގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހއ.ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބުދަ ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. ވަރޗުއަލްކޮށް މިރަސްމިއްޔާތުގައި ބައިވެރިވަޑައިގެން ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ. އަދި ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި މިމަޝްރޫއު ކުރިއަށް ގެންދާއިރު، ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ ޗަންޕާ ބްރަދަރސްއިންނެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ސާރާ މުހައްމަދެވެ.
މިމަޝްރޫއާ ބެހޭ ގޮތުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށެވެ.
4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރާނީ މިފްކޯއިންނެވެ. އަދި މިފްކޯއިން ހޯރަފުށީގެ ބިމަށް ކުލި ދައްކާއިރު ޕްރޮފިޓް، ކައުންސިލްއާ ޝެއަރ ކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ހޯރަފުށީގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިމަޝްރޫއާއެކު މަސްވެރިކަމުގެ އާއިލާތަކަށާއި، ރަށުގެ ތަރައްގީއަށް ބޮޑު ފައިދާއެއްް ލިބޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގިނަައި ހެޔޮ ބަދަލުގެ ސަބަބުން މިހާރު ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށާއި، ރަނގަޅު ފުރުސަތުތަކެއް ކައުންސިލްތަކަށް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ފުރުސަތުތައް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.