އަންގާރަ ދުވަހުގެ ދަންވަރު ރޭގަނޑު 12:00ން ފަތިހު 4:00ށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފަށައިފިއެވެ.
ކޮވިޑް-19ން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އަންގާރަ ދުވަހުގެ ދަންވަރުން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12ން ފަތިހު 4 އާއި ހަމައަށް ކާފިއު އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މިހިނދުން ފެށިގެން ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ މިހިނދުން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭ ގޮތަށް އުސޫލު އެކުލަވާލާ އާންމުކޮށްފައިވެއެވެ.
އެޗްޕީއޭއިން މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފެށި އިރު، މި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 50 އިން މަތީގައެވެ. އަދި މި ފާއިތުވި 3 ދުވަހު އެ އަދަދުތައް ހުރީ 100 އިން މަތީގައެވެ. އަދި ފާއިތުވި 24 ގަޑިއިރު، މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 145 އަށް އަރައިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު މުޅި މާލެ ލޮކްޑައުން ކުރުމަށްފަހު، ދުވަސްތަކެއް ފަހުން މިއަހަރު ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދީފައެވެ. އަދި ކާފިއު އުވާލައި އާންމު ދިރިއުޅުމުގެ ތެރެއަށް އަނބުރާ އައުމަށް ބައެއް ކަންކަމުގައި ވަނީ ލުއިތައް ދީފައެވެ. ނަމަވެސް ދީފައިވާ މިފަދަ ލުއިތަކުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމުން ބައެއް ފަހަރު ކޮވިޑު ކޭސްތައް އިތުރުވެފައިވާކަން ވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.
އަދި މިހާރު މާލޭގައާއި ރަށްތަކުގައި ކައިވެނި ހަފްލާތަކާއި ޕާޓީތައް އަދި ބައެއް ކަހަލަ އިވެންޓްތައް ބާއްވަމުން އަންނައިރު، މި ބަލި ރާއްޖޭގެ ބައެއް ރަށްތަކުން ފެންނަމުންދާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. ހަމަ އެއާއެކު މާލެ ސަރަހައްދުން ޕޮޒިޓިވްވެގެން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އަބަދުވެސް އިތުރުވާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު އެކި ނަންނަމުގައި މާލޭގެ މަގުތަކަށް މީހުން އެއްކޮށް މުޒާހަރާ ކުރަމުންނެވެ. އެގޮތުން އެފަރާތްތަކުން އެއްވެސް ވަރަކަށް ހެދިފައިވާ ގައިޑްލައިންތަކަށް އަމަލު ނުކުރާކަން ފުލުހުންނާއި އެޗްޕީއޭއިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފާހަގަކޮށް ޖޫރިމަނާވެސް ކޮށްފައެވެ.