ޗެލްސީގެ ކޯޗުގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީން ވަކިކުރި ތޯމަސް ޓުޗެލް ހަމަޖައްސައިފިއެވެ.
ޗެލްސީގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސީ ހޯމަ ދުވަހު އެ ޓީމުގެ ކޯޗުގެ މަގާމުން ފްރޭންކް ލަމްޕާޑް ވަކިކުރުމަށްފަހުއެވެ. ޗެލްސީގެ ކޯޗުގެ މަގާމުން އުމުރުން 42 އަހަރުގެ ލަމްޕާޑް ވަކިކުރީ މި ފަހަކަށް އައިސް، އެ ޓީމުގެ ފޯމު ގެއްލި ކުޅުން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ ތާވަލުގެ ނުވަވަނައިގައި ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ.
ޗެލްސީން ލަމްޕާޑް ވަކިކުރިއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ލަމްޕާޑް ވަނީ އައު ހަތް ކުޅުންތެރިން ގެ ންނަން 220 މިލިޔަން ޕައުންޑަށް ވުރެން އިތުރަށް ޚަރަދުކޮށްފައެވެ.
ލަމްޕާޑް ވަކިކޮށް އަންގާރަ ދުވަހުގެރޭ ޗެލްސީން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 47 އަހަރުގެ ޓުޗެލް ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. އަދި އޭނާ ވަނީ ޗެލްސީއާއެކު އެއް އަހަރާ ބައިގެ އެއްބަސްވުމެއް ހަދާފައެވެ.
މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީން ޓުޗެލް މަގާމުން ވަކިކުރިއިރު، ކުރިން ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ކޯޗުކޮށްދިން ޓުޗެލް ޕީއެސްޖީއާ ހަވާލުވީ 2018 ވަނަ އަހަރު، ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޓުޗެލްއާއެކު ޕީއެސްޖީން ފްރެންޗް ލީގު ދެ ފަހަރު ކާމިޔާބުކުރިއިރު، މިދިޔަ ސީޒަނުގައި ޓުޗެލްގެ ކޯޗުކަމުގައި ޕީއެސްޖީން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ކުޅެފައެވެ. އެއީ އެ ކުލަބުގެ ތާރީޚުގައި ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ.
ޓުޗެލް އަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، 2003 ވަނަ އަހަރު އެ ކުލަބު ގަތް ފަހުން، އެ ޓީމާ ހަވާލުވި 11 ވަނަ ކޯޗެވެ. އަދި ސީޒަނެއްގެ މެދުތެރެއިން އެ ޓީމާ ހަވާލުވި ފަސްވަނަ ކޯޗެވެ.
ޗެލްސީގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސިއިރު، އަންގާރަ ދުވަހުގެރޭ ޗެލްސީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ޓުޗެލް ވަނީ ބައިވެރިވެފައެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.