ލޯކަލް ކައުންސިލް އިންތިޚާބު މި ހާލަތުގައި ބޭއްވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި، އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނަށް ބާރު އޮތް ނަމަ ކޮވިޑް-19އާ ގުޅިގެން ރާއްޖެ މިހާރު މިއޮތް ބަލިމަޑުކަމުގެ ހާލަތުގައި އިންތިޚާބު ނުބާއްވާނެ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ކަން އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. ރާއްޖެ ޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން މިހާލަތުގައި އިންތިޚާބު ބޭއްވޭނެ އުސޫލުތަކެއް އެޗް.ޕީ.އޭ.އިން ކަނޑައަޅާފައިވާއިރު އެ އުސޫލުތަކުގައި ވެސް ވަރަށް ބޮޑެތި ދަތިތައް އެ ކޮމިޝަނަށް ކުރިމަތިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިޚާބު ނުބާއްވާ ގިނަ ދުވަސްތަކެއް ވާތީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނެސްފައިވާއިރު، އިންތިޚާބު ބާއްވާނެ އެންމެ ފަހުގެ ތާރީޚު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަންއަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 26އެވެ.
ޝަރީފް ވިދާޅުވީ މިހާރު ޤާނޫނުގައި އޮތް ގޮތުން އަންނަ މޭ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވަން މަޖުބޫރުވާއިރު އެޗް.ޕީ.އޭ.އިން ދީފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަން ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވާ ކަމަކީ އިންތިޚާބަށް ދާ ޚަރަދުބޮޑުވުން ކަމަށެވެ. މި ހާލަތުގައި އިންތިޚާބު ބާއްވާ ނަމަ އާންމު ހާލަތުގައި އިންތިޚާބެއް ބާއްވާން ދާނެ ޚަރަދުގެ ދެ ގުނަ ޚަރަދު ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގެ ހުރިހާ ކަމަކަށް 95 މިލިއަން ޚަރަދުވާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެޗް.ޕީ.އޭ.އިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން މިހާރު ކަނޑައަޅާފައިވާ ފޮށިތަކުގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފޮއްޓަކަށް ގާތްގަނޑަކަށް 500 މީހުން ވޯޓުލާއިރު އެ އަދަދު މަދުކުރާ ނަމަ އިތުރު 100 ވަރަކަށް ފޮށި ބަހައްޓަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އިތުރުވާ ކޮންމެ ފޮއްޓަކީ އިތުރު ޚަރަދެއް ކަމަށެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް އިތުރު އޮފިޝަލުން ލާންޖެހޭނެ ކަމަށާއި އެޗް.ޕީ.އޭ.އިން އަންގާގޮތުން އޮފިޝަލުން ކަރަންޓީންވާން ޖެހިއްޖެ ހާލަތަކަށް ބަލައި ބެކްއަޕް ޓީމެއް ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު އަދިވެސް މި ދަންނަވާލަނީ މި އިންތިޚާބު މިހާ ދުވަހު މަޑުކޮށްފައި އެންމެ ދެ މަސްދުވަސް ނުވަތަ ތިން މަސްދުވަހަކަށް މަޑުނުކޮށް 95 މިލިއަން ރުފިޔާ އެއީ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ އޭ. މިހާރު އަޅުގަނޑު ދަންނަވާނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ އެއްވެސް ބާރުވެރިކަމެއް އޮތް ނަމަ މި އިންތިޚާބު މިވަރުގެ ޚަރަދުބޮޑު އިންތިޚާބެއްގެ ގޮތުގައެއް ދިޔަކަ ނުދޭނަން،އީސީގެ ރައިސް އަހުމަދު ޝަރީފް
ކޮވިޑް-19އާ ގުޅިގެން އޮތް ލޮކްޑައުންގެ ސަބަބުން ކެމްޕޭންކުރުމުގެ ހަމަހަމަ ފުރުސަތު ނުދެވުމާއި، ކަރަންޓީންގައި ތިބޭ މީހުންނަށް ވޯޓުލުމަށް ދިމާވާނެ ދަތިތަކެއް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން މި ހުށަހެޅި ގައިޑްލައިންގައި އެބައޮތް ޕޮޒިޓިވް ވެފައި ތިބޭ މީހުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ޓްރާންސްޕޮޓޭޝަންގެ އިންތިޒާމްތައް ވެސް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭން ޖެހޭނެއޭ. އަޅުގަނޑުމެންނަށް ހަމައެކަނި އެމީހުން އަތުވެއްޖެއްޔާ ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދެވޭނީއިސީގެ ރައީސް އަހުމަދު ޝަރީފް
ޝަރީފް ވިދާޅުވީ މިކަންކަމަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ވެސް ޚިޔާލުތަފާތުވުން ހުރި ކަންކަން ކަމަށާއި، ރާއްޖެއަށް ވެކްސިން އައިސްފައިވާއިރު ވެކްސިންދިނުމުގެ މަސައްކަތް ފެށި އަންނަ ޖޫން މަހާ ހަމައަށް ކޮވިޑް-19ގެ ހާލަތު މަޑުޖެހިލަންދެން އިންތިޚާބު ފަސްކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭ ކަމަށެވެ. އަދި އިންތިޚަބު ބޭއްވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް ހަތަރެއްގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރީ ކޮވިޑް-19އާ ގުޅިގެން އިޢުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ. ޚާއްޞަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ފަސްކުރި އިރު ޤާނޫނުގައި ބުނާގޮތުން އިންތިޚާބު ބޭއްވޭނެ އެންމެ ފަހުގެ ތާރީޚަކީ މިއަހަރު މޭ މަހުގެ 9 ވަނަ ދުވަހެވެ.