މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެވެ. މިވަބާގައި ޒުވާން ޖީލު ހަލާކުވެ އެތައް ޢާއިލާއެއް ވަނީ ބިކަވެފައެވެ. ފަތުރުވެރިކަމަށް މަޝްހޫރު ރާއްޖެފަދަ ޤައުމެއްގައި މަސްތުވާތަކެތީގެ އަނދިރިކަމުގެ ވާހަކަދެއްކުމަށް ފަސްޖެހެއެވެ. މިވަބާގައި ޖެހި ދިރިއުޅުން ހަލާކުވެފައިވާ މީހުންނާއި، މި ވަބާގެ ކެކުޅުމުގައި އުޅެމުންދާ އެތައް ބަޔަކާއި ބައްދަލުވެ ވާހަކަދައްކާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބިގެންދިޔައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެދިޔަ އޮޕަރޭޝަންގައި ތަފާތު ތަޖުރިބާތަކޮށް މަސްތުގެ މި އަނދިރި ހާއްޔަށް ވަންނަން ޖެހިފައިވާ އެތައް ބަޔަކާއިވެސް އަޅުގަނޑާއި ދިމާވިއެވެ. މިގޮތުންވެސް އެންމެ ފާހަގަކޮށްލެވުނީ މަސްތުވާތަކެތީގެ އައްޑާއެއްކަމުގައި ބެލެވޭ މ. ނަޝީ ރޯސްއިން ދިމާވި މީހެކެވެ.
72 ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންގައި އަޅުގަނޑުމެން މި ގެޔަށް މިސްރާބު ޖެހީ އޮޕަރޭޝަންގެ ދެވަނަ ދުވަހުއެވެ. އެގޮތުން މިގެޔަށް ވަނުމުން ފެނިގެންދިޔީ މަސްތުގެ ބޯ ދުމުގައި ބިތް ބިތައް ޖެހިފައިވާ ޒުވާނުންތަކެކެވެ. ޑީއީޑީއާއި މީޑިއާގެ ޓީމް އެމީހުން ކުރިމައްޗައް އަރާ ހުއްޓުމުންވެސް ތެދުވެ ބަލާލާނެހާ ހިތްވަރެއްވެސް އެމީހުންގެ ކިބައިގައި ނެތެވެ. އެމީހުންނަށް ވާނުވާ އެނގެން ފެށި ހިސާބުން އެއްބައި މީހުން ފިލުމަށް ދުއްވައިގަތެވެ.
އަޅުގަނޑު ކުރިން ދެންނެވި މީހާއާއި ބައްދަލުވީ އެހިސާބުންނެވެ. އެގޭގެ ހިމަ ސިޑިއާއި ދިމާލުން ފިލައިގެން ދުވި 29 އަހަރު ޒުވާން މި ފިރިހެން ކުއްޖާއަށް ބަލާލުމުން މޫނުމަތިން ފެނިގެންދަނީ މާޔޫސްކަމެވެ. ގޮތް ހުސްވުމެވެ. ފުލުހުން ދިޔަ ނުދީ ހުއްޓުވުމުން އޭނާ ވަނީ އޭނާގެ ދިރިއުޅުމުގެ ހިތި ހަނދާންތައް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. ރައްޓެއްސަކު ދިއްކޮއްލި ސިނގިރޭޓަކުން މަސްތުގެ ހާއްޔަށް ވަންނަން މެދުވެރިވިކަމަށް ބުނާ މި ޒުވާނާ މިއަދު ވަންނާނެ ގެޔެއް ހިޔާވަހިކަމެއް ނެތެވެ. ކާންބޯންކުރާނެ މަސައްކަތެއް ނެތެވެ. ކާނެ އެއްޗެއް ހޯދަން މިއަދު ގޮނޑުހިވަންޖެހިފައިވާކަމަށް މި ޒުވާނާ ކިޔާދިނެވެ.
"އަޅުގަނޑު ފުރަތަމަ ކޮންމެ ދުވަހަކުވެސް ދަނީ މާރުކޭޓް ސަރަހައްދުގައި ގޮޅިއެއްގައި ނިދާލާފައި މަސައްކަތެއް ހޯދަން. އެހެންނު ވާނީ ކާނެ އެއްޗެއްވެސް ލިބޭނީ ގޮނޑު ހޮވައިގެން ލިބޭ އެއްޗެއް ވިއްކައިގެން. މީހަކު އެއްޗެއް ދީފިއްޔާ ކައިގެން އެހެން ނޫނީ ނުކައި މިހުންނަނީ. މީހުން އުކާލާފައި ހުންނަ އެއްޗެހި މިއަދު ހޮވަންޖެހުނީމަ އަޅުގަނޑު މިއަދު ވަރަށް ހިތާމަކުރަން. " މި ޒުވާނާ ކިޔައިދިނެވެ.
ސަރުކާރުގެ 4 ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ މި ޒުވާނާ މިއަދު މުޖުތަމަޢުން ބޭކާރު ކޮށްލާފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުންކަމަށް އޭނާ ކިޔާދިނެވެ. އެގޮތުން ވަޒީފާއެއް ހޯދަން ދިޔަސް ބިދޭސީ މީހަކަށްވުރެ ދަށުކޮއްލާ ބޭކާރު ކޮއްލުމަކީ މަސްތުގެ މި ދަލުން ސަލާމަތް ނުވެވިގެން އުޅޭ މައިގަނޑު އެއް ސަބަބުކަމަށް އޭނާ ކިޔާދިނެވެ.
"އަސްލު ބިދޭސީއަކަށް އެއްވެސް އެއްޗެކޭ ބުނަނީކީ ނޫން. ފިހާރާގައި ސޭޓަކައްވެސް އަސްލު ބިދޭސީއަކަށް ނީނދެވޭ. އެކަމު އެކަން އޯކޭ. އަހަރެމެންކަހަލަ މީހަކަށް އެހީވާން އަތް ދިއްކޮއްލާނެ މީހެއް ނެތް. ވަޒީފާގަނޑެއް ހޯދަންވެސް ނުދެވޭ ތަނެއް ނެތް. ކިތައް ތަނައްތޯ ދާނީ. ފުރުސަތެއް އެޓްލީސްޓް ދޭނަމަ އަޅުގަނޑުމެން މި ހާލުގައި އުޅެން ނުޖެހުނީސް" ޒުވާނާ ކިޔައިދިނެވެ.
މަސްތުގެ ދަލުން ސަލާމަތްވުމަށްޓަކައި އެކި ފަހަރުމަތިން މި ޒުވާނާ ނެޝަނަލް ޑްރަގް އޭޖެންސީގެ ރިހެބުން ނުކުމެ އަލިމަގެއް ނުފެނުމުން މަސްތުވާތަކެއްޗާއި ދިމާލަށް ދާންޖެހޭކަން ފާހަގަކުރިއެވެ.
އަޅުގަނޑު މި ހިއްސާކޮށްލީ 4 ދުވަހުގެ މި އޮޕަރޭޝަންގައި ދިމާވި އެންމެ ޒުވާނެއްގެ ވާހަކައެވެ. އެހެންނަމަވެސް މި ޙާލުގައި ޒުވާން ޖީލެއް ހަލާކުވެފައި ވާކަމީ ހިތި ހަޤީޤަތެވެ. މިނުރައްކާތެރި ވަބާއިން އަރައިގަނެ އަލުން މުޖުތަމަޢުއަށް ނިކުތުމަށް މިޒުވާނުންނަށް އެންމެންގެ އެއްބާރުލުން ވަރަށް މުހިންމެވެ.