އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ދަށުން މަގުތައް ރީސަރފޭސްކުރުން ނުވަތަ އެއްވަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީގެ 18 މަގެއްގައި ތާރު އަޅައި ބައެއް މަގުތައް އަލުން މަރާމާތުކޮށް ރަނގަޅުކުރުމަށް އިންޑިއާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކޮށް އައްޑޫ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ އައްޑޫ މަގުތައް ހަދަން ފެށުމުގެ އުފާވެރި މަންޒަރު ރައްޔިތުންނަށް ފެނަން ފަށައިފައިވާކަމަށް ބުނެފައެވެ. އެގޮތުން އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ފޭދޫ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ދަށުން މި މަސައްކަތައް ބޭނުންވާ ސާމާނާއި މެޝިނަރީޒް އެސިޓީއަށް ގެންގޮސްފައި ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖީ.ކޭ ޑިވޮލަޕްމެންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެހެންނަމަވެސް، މަގުތައް ހެދުމުގެ މަސައްކަތް ފެށިނަމަވެސް ލޮކްޑައުންއަކަށްދާން ޖެހުމުން މަސައްކަތް ހުއްޓާލަން ޖެހުނުކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ. އެހެންނަމަވެސް، މިހާރު މި މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 18 މަގެއްގައި ތާރު އެޅުމުގެ އިތުރުން ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫގެ ބޮޑުމަގު އަލުން އެއްވަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ސްރީލަންކާ ސަރުކާރުގެ އެހީގައި މީގެ ކުރީން ތާރު އަޅާފައިވާ މަގުތަކެވެ.
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އިންޑިއާގެ ޖީ.ކޭ ޑިވެލޮޕްމެންޓާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. މި މަޝްރޫޢުއަށް 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކުރެއެވެ. މި މަސައްކަތުގެ އިތުރުން އައްޑޫގައި 25 ކިލޯމީޓަރުގެ މަގެއް ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.