ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓްގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޒުވާނުންނަށް ފަސޭހައިން ލިބޭނެ މަގުފަހިވެގެންދާނެކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރަސްމީ ޓިކްޓޮކް އެކައުންޓެއް ހުޅުވައި ބޭނުންކުރަން ފަށާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި އެކައުންޓް މެދުވެރިކޮށް ޒަމާނީގޮތެއްގައި މަޖިލީހުގެ މަސައްކަތްތަކާއި، މަޖިލީހާބެހޭ މަޢުލޫމާތު ފަހުގެ ޖީލުތަކަށް ފޯރުކޮށްދޭން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތުދެއެވެ.
ރައްޔިތުންގެ މަޖިލީހުުގެ ޓިކްޓޮކް އެކައުންޓެއް ހުޅުވުމުން ގިނަ ބަޔަކު ހައިރާންކުރުވިޔަސް، މި އެކައުންޓަކީ ވެސް މަޖިލީހުގެ ޓްވިޓަރ އަދި އެހެނިހެން ސޯޝަލް މީޑިއާ އެކައުންޓްތައް ފަދައިން މަޖިލީހުގެ މަސައްކަތްތައް ހާމަކަން ބޮޑުގޮތެއްގައި ކުރުމަށް ހުޅުވުނު މަގެއްކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް އެކައުންޓެއް ހުޅުވުމުން އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. މި ފިޔަވަޅުގެ ސަބަބުން މަޖިލީހުގެ މަޢުލޫމާތު އައު އޯޑިއަންސްއަކަށް ފޯރުކޮށްދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް ޤައުމުގެ ހުންގާނުގައި ހިފުމަށް ތައްޔާރުވަމުންދާ ޒުވާނުންނަށް މި އެކައުންޓްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮ އެކައުންޓެއް ހުޅުވާފައިވާއިރު، އެ އެކައުންޓްގެ ފުރަތަމަ ވީޑިއޯ ވެސް މިމަހުގެ 25 ވަނަ ދުވަހު ވަނީ އަޕްލޯޑްކޮށްފައެވެ. މި ވީޑިއޯގައި ވަނީ 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީސް 2020 އަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ މަންޒަރުތައް ދައްކާލަފައެވެ. އަދި މިއަހަރުގެ މި ޖަލްސާ ފެބްރުއަރީ 4ގައި އޮންނާނެކަން މަޖިލީހުގެ އިދާރާއިން މި ޓިކްޓޮކްކާއެކު ވަނީ ހާމަކޮށްފައެވެ. މި ވީޑިއޯ އަޕްލޯޑްކުރިތާ އެންމެ 18 ގަޑިއިރު ތެރޭގައި 11 ހާހަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. މަޖިލީހުން ހުޅުވި ޓިކްޓޮކް އެކައުންޓުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވެއެވެ.
މިއުޒިކަލީގެ ނަމުގައި މީގެ ދެ ތިން އަހަރު ކުރިން ޓިކްޓޮކް ރާއްޖެއަށް ތަޢާރަފްވީއްސުރެ މި ސޯޝަލް މީޑިއާ އެޕްގެ މަޤުބޫލުކަން ރާއްޖޭގައި ވަރަށް ބޮޑެވެ. އެގޮތުން ރާއްޖޭގެ ޒުވާން ޖީލު މި އެޕް ބޭނުންކުރާ ނިސްބަތް މި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވީޑިއޯ ޝެއަރކުރާ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކަކީ ޗައިނާގެ އެޕްލިކޭޝަނެކެވެ.