މޫސުން ގޯސްވެ، ގއ. އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ފަތިހު 04:00ން ހެނދުނު 08:00ށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފައިވާކަމަށާއި ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ މިއަހަރު ޖަނަވަރީ މަހު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް އާންމުކޮށް ވާރޭވެހޭ މިންވަރު 10 އިންސައްތައަށް ވުރެ އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް އާންމުކޮށް މިދުވަސްވަރު ވާރޭވެހޭ މިންވަރަށް އަދި އެހެން ހިސާބުތަކަށް އާންމުކޮށް ވާރޭ ވެހޭ ވަރުގެ 10 އިންސައްތައަށް އަށްވުރެ މަދުވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.