އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19ގެ ވެކްސިން ކަމަށްވާ ކޮވިޝީލްޑް ވެކްސިން ދުނިޔޭގެ ސިއްހަތާބެހޭ ވުޒާރާއިން ގަބޫލުކުރާނެކަން ޔަގީންކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބްދުﷲ މާހިރް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިން ކަމަށާއި، ހަމައެކަނި ތަފާތަކީ އިންޑިއާގެ ކުންފުންޏަކުން މި ވެކްސިން ހެދުން ކަމަށެވެ. އެހެން ނަމަވެސް ވެކްސިންގެ ފޯމިއުލާއަކީ އޮކްސްފޯޑް ޔުނިވަރސިޓީ ވެކްސިންގެ ފޯމިއުލާ ކަމަށާއި، މި ވެކްސިންގެ ރައްކާތެރިކަމާއިމެދު ޝައްކު ނުކުރާކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.
ޑރ. ޝާހް އިތުރަށް ވިދާޅުވީ މި ވެކްސިންގެ ޓްރައިލްތައް އިންޑިއާގައިވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، ޓްރައިލްތަކުގެ ނަތީޖާ ކާމިޔާބު ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ވެކްސިނަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ވުޒާރާގެ ހުއްދަ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޝާހް ވިދާޅުވިއެވެ.
ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރި ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރަން. މި ވެކްސިން މިހާތަނަށް އިންޑިއާގެ 10 ލައްކައަށްވުރެ ގިނަ މީހުންގެ ގަޔަށް ޖަހާފައިވާއިރު، ނަތީޖާތައް ވަރަށް ރަނގަޅު. އަދި މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި އަންނަނީ މި ވެކްސިން ޖަހަމުން.ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބްދުﷲ މާހިރް
ޑރ. ޝާހް ވިދާޅުވީ ވެކްސިންގެ ރައްކާތެރިކަމަށް ބަލަނީ ހަމައެކަނި އުފައްދާ ގޮތަށް ނޫން ކަމަށާއި، އެގޮތުން ވެކްސިން އުފައްދާ ކުންފުންޏާއި ހިސާބުން ވެކްސިން ޖެހުމާއި ހަމައަށް ކުރަންޖެހޭ ކަންކަން ރައްކާތެރި ކަމާއިއެކު ކޮށްފައިވޭތޯވެސް ބަލަން ޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެކަމުގެ ޔަޤީންކަން އެޗްޕީއޭއިންވެސް ވަނީ ދީފައެވެ.
ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން ރާއްޖެއައި އެއަރ އިންޑިއާގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 14:42 އެހާކަންހާއިރުއެވެ. އެއާއެކު ރާއްޖޭގައި މި ވެކްސިން ރަޖިސްޓަރކޮށް ބޭނުންކުރުމަށްޓަކައި ބަލަންޖެހޭ ކަންކަމާއި، ވާން ޖެހޭ ތައްޔާރީތައްވެސް ވަނީ ފަށާފައެވެ.