ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދުއާ ހޯމަ ދުވަހު ޙަވާލުކުރައްވައިފިއެވެ.
މި ބަދަލާއި ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސް ކުރައްވާނީ ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި މި ވަނީ، ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަޤާމު ފުރުއްވަމުން ގެންދެވި ޙަސަން އިސްމާޢީލް، އެ މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ޙަސަން އިސްމާޢީލް އެ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޫދު ވަނީ ޚިދުމަތްކުރައްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަފާތު ފެންވަރުގެ މަޤާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީކަމުގެ މަޤާމާއި، ތަރުޖަމާނުކަން ވެސް ހޫދު ވަނީ ފުރުއްވާފައެވެ.