ހއ.ހޯރަފުށީގައި ލޯކަލް ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން 7 ބިމެއް ދޫކުރަން ނިންމައިފިއެވެ.
ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެރަށުން 7 ބިމެއް ގެސްޓްހައުސް ވިޔަފާރި ހިންގުމަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި 7 ބިމުގައި ގާތްގަނޑަކަށް 3000 އަކަފޫޓު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ގެސްޓުހައުސް ތަރައްޤީކުރުމަށް ދޫކުރާ ބިންތަކަކީ ފަތުރުވެރިކަމަށް އެކަށޭނެ ސަރަޙައްދަކުން ދޫކުރާ ބިންތައް ކަމަށާއި، އާންމުން އުޅޭ ސަރަޙައްދާ ދުރުވާނެ ކަމަށެވެ. އަދި މިހާރު ގެސްޓުހައުސް ވިޔަފާރި ހިންގާ ރަށްރަށުގައި ދިމާވާ އިޖުތިމާޢީ މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށް ޕްލޭންތައް ހަދާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
ބިން ދޫކުރުމަށް މިހާރު ބީލަމަށް ހުޅުވައިލާފައިވާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމަށް ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ހޯރަފުށީގެ އެއަރޕޯޓާ ގުޅިގެން ގިނަ ފަތުރުވެރިން ރަށަށް ގެނެވޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށާއި، އިޤްތިޞާދީ ގޮތުން ގިނަ މަންފާތައް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެހެންކަމުން ރަށުގެ ގިނަ ޒުވާނުން ވިޔަފާރީގެ މައިދާނުގައި ބާރުވެރިކުރުވުމަކީ އެއްލަނޑުދަނޑި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތް ކުރަނީ ގެސްޓުހައުސް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.
ހޯރަފުށީގައި މިހާރު ވެސް 4 ގެސްޓްހައުސްއެއްގެ ދަނީ ހިންގަމުންނެވެ. އަދި ކުރިއަށް އޮތްތާގައި ގިނަ ގެސްޓްހައުސްތައް ހުޅުވި، ހިންގޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ގެސްޓްހައުސްއަށް ދޫކުރާ ބިންތަކާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ އޮންލައިން ބައްދަލުވުމުގައި ބައިވެރިވުމަށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ 14:00ގެ ކުރިން ހޯރަފުށީ ކައުންސިލަށް އީމެއިލް ކުރަން ޖެހެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ފެބްރުއަރީ 3 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބިޑު ހުށަހަޅަން ޖެހެނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ.