އޭޑީކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓުން ފަރުވާ ހޯދި 3 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މި މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލުމަށް ފަހުގައިކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އޭ.ޑީ.ކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މި ސަބަބައްޓަކައި މިވަގުތު އެ ޔުނިޓް ބަންދުކޮށް، ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވަނީ މި ޕޮޒިޓިވް ކޭސްތަކާ ގުޅިގެން، އައުޓްބްރޭކް ކޮންޓްރޯލްކުރުމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ ބަލިމީހުންންނާ ކޮންޓެކްޓްވި ސްޓާފުން ވެސް ވަނީ ޓެސްޓްކޮށްފައެވެ. މިހާތަނަށް އައިރު މީގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާއިރު، އެޗް.ޑީ.ޔޫ.އިން ޕޮޒިޓިވްވި މީހުންނާ ބައްދަލުވެ ނުވަތަ ކޮންޓެކްޓްވި ސްޓާފުން މިހާރު ވަނީ ކަރަންޓީންކޮށްފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ އޭޑީކޭއިން ޕޮޒިޓިވް ކޭސްތަކެއް ފެނުނުނަމަވެސް އެ ހޮސްޕިޓަލުގައި ރައްކާތެރިކަމާއެކު ޚިދުމަތްދެވޭނެހެން ފިޔަވަޅުތައް އަޅާފައިވުމުން، ޚިދުމަތް ހޯދުމުގައި އާއްމުންނަށް އިތުރު އުނދަގޫތަކެއް ދިމާނުވާނެކަމަށް ވިދާޅުވެފައެވެ.