ސުޕްރީމް ކޯޓުގެ ދަށުން ކުރިން ހިންގަމުންދިޔަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ގޮސްފައިވާތީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގެ އެހުންތައް ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަލީ ޝާހުއެވެ.
ހޯމަ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ޝާހަށް ތަފްސީލީގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވަނީ ދެއްވާފަ އެވެ. އަދި ރައްދުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ރައްޔިތުންގެ މަޖީލަށް ރައްދުވި މިމައްސަލާގައި ދައުލަތް ތަމްސީލްކުރައްވާ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުންނަށް ވެސް ފުރުސަތު ދެއްވާފައިވެއެވެ.
ސުޕްރީމް ކޯޓަށް ޝާހު، ހުށަހަޅާފައިވާ މައްސަލާއި އެދިފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅޭ މާއްދާތައްކަމަށްވާ ޑިޕާމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ޖުޑީޝަލް އެކަޑަމީގެ މާއްދާ އަދި ޗީފް އެޑްމިނިސްޓްރޭޓަރ އައްޔަންކުރުމުގެ މާއްދާ ބާތިލް ކުރުމަށެވެ.
ބަންޑަރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ، ކޯޓުތަކުގެ ގާނޫނުގެ 37 ވަަ މާއްދާގެ ދަށުން މިފަދަ މައްސަލަތަކަކީ ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމަށްވާތީ، މި މައްސަލައަކީ މިހާރު މިއޮތްގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވައި މައްސަލަ ނިންމަވާ ދެއްވުމަށެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވީ މި މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދާނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެހެންނޫންނަމަ ދެން މި މައްސަލާގައި އޮންނާނީ ގޮތެއް ކަނޑައެޅުމަށް ބޭއްވޭ އަޑުއެހުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެބޮޑު އަދި އެންމެ މުހިއްމު އެއްވައުދު ކަމަށްވާ ޖުޑީޝަރީ އިސްލާހު ކުރުމުގެ ވައުދު ފުއްދެވުމުގެ މަސައްކަތް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމާއެކު ފެއްޓެވިއެވެ.
އެގޮތުން، ސަރުކާރުގެ މައިޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއެކު، "އެޖެންޑާ 19"ގެ ދަށުން ވެސް ޖުޑީޝަރީ އިސްލާހުކުރުމަކީ މުހިއްމު ވައުދެއްކަމަށްވާތީ، ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޖޭއެސްސީގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ޑީޖޭއޭ އެކޮމިޝަނުގެ ދަށަށް ގެންގޮސްފައިވެއެވެ.
ޖޭއެސްސީގެ ދަށުގައި ޑީޖޭއޭއޮތް ނަމަވެސް، އެ މުއައްސަސާގެ އިސްވެރިއެއްގެ ގޮތުގައި ހިންގަމުންދަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ.
މީގެކުރިން ޑީޖޭއޭ ހިންގަމުންދިޔައީ، ސުޕްރީމް ކޯޓުގެ ދަށުން، އެކޯޓުން އައްޔަންކުރާ ފަނޑިޔާރެއްގެ ބެލުމުގެ ދަށުންނެވެ. އޭރުވެސް، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހުރެއެވެ.
ސުޕްރީމް ކޯޓުގެ ދަށުން ޑީޖޭއޭ ހިންގަމުންދިޔައިރު، ސުޕްރީމް ކޯޓުންނާއި ޑީޖޭއޭއިން އެކިއެކި ސަރކިއުލާތަކުގެ ނަމުގައި ކޯޓުތަކަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވަމުންދިޔަކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މިހާރު ހިނގަމުންދާ 19 ވަނަަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ނުފޫޒުން ޑީޖޭއޭ ދުރުކޮށް، ޖޭއެސްސީގެ ދަށަށް މިވަނީ ބަދަލުކޮށްފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ. އަދި އެ އިދާރާއަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުމާބެހޭ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އެންމެ ދުވަސްވީ މުވައްސަސާއެވެ. ޝަރުޢީ ކޯޓުތަކުގެ އިދާރީކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އިދާރާ " ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" މި ނަމަށް ބަދަލުވީ 01 އޮކްޓޯބަރ 2008 ގައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުންބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.