ސްޕެނިޝް ލަލީގާގައި މާސެލޯގެ ލަނޑުން ރެއާލް މެޑްރިޑް މޮޅުވިއިރު، ލުއިސް ސުއަރޭޒްގެ ލަނޑުތަކުން ބާސެލޯނާ ވެސް މޮޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ވެލެންސިއާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހަން އެޓީމަށް ވަނީ މެޗުގެ ކުރީކޮޅު ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ރެއާލް އިން މެޗުގެ ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޑެނިއަލް ކަވަހާލް ނަގައިދިން ހުރަހަކުން ބޮލުން ޖަހައިގެންނެވެ.
މި ލަނޑަށް ފަހު ވެސް ރެއާލް އިން ދިޔައީ ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމިފައި ވަނީ ރޮނާލްޑޯގެ ލަނޑުން 0-1 ގެ ނަތިޖާއަކުން ވެލެންސިއާގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވެސް ރެއާލް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، 57 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީ ރޮނާލްޑޯ ކުރިޔަށް ފޮނުވާލިއިރު، ވެލެންސިއާގެ ކީޕަރު ޑިއެގޯ އަލްވޭސް ވަނީ ޕެނަލްޓީ ދިފާއުކޮށްފައެވެ.
ރޮނާލްޑޯގެ މި ޕެނަލްޓީ ދިފާއުކުރުމާ އެކު ޑިއެގޯ އަލްވޭޒް ވެގެން ގޮސްފައި ވަނީ ލަލީގާ ތާރީހުގައި ވެސް އެންމެ ގިނަ ޕެނަލްޓީ ދިފާއުކުރި ކީޕަރަށެވެ. އޭނާ ވަނީ މިހާތަނަށް ޖުމްލަ 22 ޕެނަލްޓީ ދިފާއުކޮށްފައެވެ.
3 - Diego Alves has saved the most penalties taken by Cristiano Ronaldo (three out of four). Martyrdom pic.twitter.com/q3iodDLtYD
— OptaJose (@OptaJose) April 29, 2017
ރެއާލް އިން މޮޅަށް ކުޅެމުން ދަނިކޮށް ވެލެންސިއާ އިން ފަރަގު ކުޑަކުރީ 82 ވަނަ މިނެޓުގައި ޑެނިއަލް ޕަރެޖޯ ކާމިޔާބުކުރި ލަނޑުންނެވެ. އެހެންނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މާސެލޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލް އަށް އަނބުރާ މެޗުގެ ލީޑު ހޯދައިދީފައެވެ.
މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 34 މެޗުން ލިބުނު 81 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 35 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ އެސްޕަނިއޯލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
އެސްޕަނިއޯލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބާސާ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން އެސްޕަނިއޯލްއަށް ވެސް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައެވެ. އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ފަސް މިނެޓު ތެރޭގައި ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
މި ލަނޑަށް ފަހު ވެސް ބާސާ އިން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. ބާސާ އަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 76 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ އެހީތެރިކަމާ އެކު އިވާން ރަކިޓިޗް އެވެ.
9 - Luis Suarez has scored more first goals than any other player in La Liga this season. Opener. pic.twitter.com/z2j6QN7ZLK
— OptaJose (@OptaJose) April 29, 2017
ބާސާ އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 87 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ. މި ލަނޑާއެކު ސުއަރޭޒް ވެގެންގޮސްފައިވަނީ ސްޕެނިޝް ލީގުގައި އެންމެ ގިނަ އިން ފުރަތަމަ ލީޑު ނަގައިދޭ ކުޅުންތެރިޔާއަށް ވެގެންގޮސްފައެވެ.
މި ނަތީޖާއާ އެކު ބާސާ އޮތީ ކުޅުނު 35 މެޗުން ލިބުނު 81 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި އެސްޕަނިއޯލް އޮތީ ކުޅުނު 35 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.