ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން ކޮވިޑް-19 އަށް 108 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00އާ ހަމައަށް 3،256 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި އޭގެ ތެރެއިން 108 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 23 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ބޭރުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 14،993 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1.086އަށް އަރައިފައެވެ. އަދި ހޮސްޕިޓަލުގައި 80 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، ރާއްޖެއިން މިހާތަނަށް 13،849 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މި ބަލީގައި ރާއްޖެއިން 51 މީހުން ވަނީ ނިޔާވެފައެވެ.
ޕޮޒިޓިވްވި މީހުންގެ އަދަދު ދުވަސްތަކަކަށްފަހު 100އިން މައްޗަށް އެރިއިރު، ސިއްހީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތައް އާންމުން ނޫޅޭކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.