ކ. ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އަރާ އެ ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރ ޑޭވިޑް ސްޓެޕެޓިކް ފުރުން މަނާކޮށްފިއެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގިލި ލަންކަންފުށި ރިސޯޓުން އެ ރިސޯޓާއި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން އާދިއްތަ ދުވަހު ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް އެދިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ އަމުރު ލިބުމާއި ގުޅިގެން، ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަށް އަރާ އެ ފިނޮޅުގައި ކޯރު ކެނޑި މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެތައް ޖަމްޢިއްޔާއަކުންނާއި އާންމު ރައްޔިތުން ވަނީ އެކަން ކުށްވެރިކޮށް، އެކަން ކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ކ. ހިންމަފުއްޓާއި ގިލި ލަންކަންފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅެކެވެ. ފިނޮޅުގެ މިލްކު ވެރިކަން ރިސޯޓުގައި ނޯންނަ އިރު، އެ ރިސޯޓުން މިގޮތަށް އަމަލު ކޮށްފައިވަނީ އާންމުން ފިނޮޅަށް ޕިކްނިކް ދިއުން ހުއްޓުވުމަށްޓަކައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަން ކުށްވެރިކޮށް ހިންމަފުށި ކައުންސިލުން ހޮނިހިރު ދުވަހުގެރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގިލިލަންކަންފުށިން އެ ފިނޮޅުގައި ކޯރު ކަނޑާފައި ވަނީ ކައުންސިލުގެ އެއްވެސް ބަހެއް ނެތި އެއްވެސް ދައުރެއް ނެތި ކަމަށެވެ. އަދި އެ ރިސޯޓުގެ ނިޔަތަކީ އެ ފިނޮޅު ނައްތާލުން ކަމަށާއި އެހެންކަމުން، އެ ފިނޮޅު ނައްތާލަން އުޅުމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ގާނޫނުގައިވާ ހަރުކަށި ފިޔަވަޅު އަޅައި، ރައްޔިތުންނަށް އިންސާފުވެރި ބަދަލެއް ހޯދައިދިނުމަށް ހިންމަފުށީ ކައުންސިލުން ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.
ގިލި ލަންކަންފުށިން ފިނޮޅުގައި ކޯރު ކެނޑި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެ ފިނޮޅަށް ލިބުނު ގެއްލުން އަންދާޒާ ކުރުމަށް އީޕީއޭގެ ޓީމެއް އެ ފިނޮޅަށް ފޮނުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ފިނޮޅު ނައްތާލަން އުޅުނު މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.