ގަލޮޅުގައި ހުރި ފިހާރައަކުން ވައްކަން ކުރަން އުޅުނު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ ގަލޮޅުގައި ހުރި ފިހާރައަކުން ވައްކަން ކުރަން އުޅުނު ހަތަރު މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅު ފިހާރައެއްގެ ތެރޭގައި ބަޔަކު އުޅޭކަމަށް ހޮނިހިރު ދުވަހުގެ ރޭ 04:10 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާ ސިނގިރޭޓް ކާޓޫންތަކެއްގެ އިތުރުން އެނަރޖީ ޑްރިންކްސްތަކަކާއި 3900 އަށްވުރެ ގިނަ ރުފިޔާ އެމީހުންގެ އަތުން ފެނިފައިވެއެވެ.
މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.