ކްލަބް ވެލެންސިޔާ 1-3 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ގަދަ ހައެއްގައި ވިކްޓްރީ ސްޕޯޓްސް ކްލަބު ހަމަޖެހިލައިފިއެވެ.
މި މެޗުން ބަލިވުމާއެކު ފާއިތުވި ސީޒަންގެ އެފްއޭކަޕް ކާމިޔާބުކުރި ވެލެންސިޔާ މިވަނީ ހޫނު ފެނަށް ވެއްޓިފައެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓްރީއަށް ވަނީ ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ކެރިޗް އަންދްރޭ އަދި ހަސަން އަދުހަމް (ސަޑޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ވެލެންސިޔާގެ އަހުމަދު ރިލްވާން (ރިލޭ) އަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ވިކްޓްރީގެ ގޯލު އޭރިއާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ ވިކްޓްރީގެ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ރިލޭގެ މި ހަމަލާއަށްފަހު ލިބުނު ކައުންޓަ އެޓޭކެއްގައި ވިކްޓްރީން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އަލީ ޝާމިސްގެ އެހީތެރިކަމާއެކު ވިކްޓްރީއަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކެރިޗް އަންދްރޭއެވެ.
މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އޮމަދޫ ގޮޑްފްރޭ ވެސްޓް ވަނީ ލަނޑެއްޖަހައި ވެލެންސިޔާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަށްފަހު ވެލެންސިޔާއިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ވިކްޓްރީގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން އޮމަދޫ އުފެއްދި ދެ ހަމަލާއެއްވަރު ފާހަގަކޮށްލެވެއެވެ.
ވެލެންސިޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި އުޅެނިކޮށް ވިކްޓްރީން ވަނީ އަނެއްކާވެސް ލަނޑެއްޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އެވެ.
މެޗުގައި ވިކްޓްރީން ކާމިޔާބުކުރި ފަހު ލަނޑަކީ ވެލެންސިޔާގެ ކެޕްޓަން އަހުމަދު ޝާފިއު (ޝާފީ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވިކްޓްރީގެ މި ލަނޑަށްފަހު ވެސް ވެލެންސިޔާ އިން ވަނީ ލަނޑު ޖެހުމަށް ދެ ފުރުސަތެއް ވަރު ތަނަވަސްކޮށްފައެވެ. އަދި ވިކްޓްރީއަށް ވެސް ނަތީޖާގެ ފަރަގު ބޮޑުކުރުމަށް މެޗުގެ ފަހު ވަގުތު ކޮޅުގައި ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މޮޅާއެކު ޖުމްލަ 5 ޕޮއިންޓާއެކު ވިކްޓްރީ ހަވަނައަށް ކުރިއަށްޖެހިލި އިރު، ކުރިން ހަވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ މިވަނީ ހަތްވަނައަށް ވެއްޓިފައެވެ. މެޗުން ބަލިވި ވެލެންސިޔާ އޮތީ އެއް ޕޮއިންޓާއެކު ލީގުގެ ފުލުގައެވެ.