ގއ. ދެއްވަދޫން ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތައުފީގު ވިދާޅުވީ އެރަށުން ކޮވިޑް-19ށް ޕޮޒިޓިވްވި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށާއި 14 ދުވަސް ވުމާއިއެކު ހޮނިހިރު ދުވަހު އަނެއްކާވެސް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
އެގޮތުން 170 ސާމްޕަލްގެ ތެރެއިން 8 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށާއި ނަތީޖާ ލިބިފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށް ތައުފީގު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ތައުފީގު ވިދާޅުވީ ރަށުތެރޭގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ. އަދި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ރަށުގެ ގިނަ ރައްޔިތުން އަމަލު ކުރަމުން ދާކަމަށް ވެސް ތައުފީގު ހާމަކުރެއްވިއެވެ.
ރައްޔިތުން ތިބީ ބަލިމަޑުކަމުން އަރައިގަންނަން ނުހަނު ބޭނުންވެފައި ކަމަށާއި ރަށުގެ ހުރިހާ ރައްޔިތުން ދަނީ މިކަމުން އަރައިގަތުމަށް ނަމޫނާ ދައްކަމުން ކަމަށް ވިދާޅުވެ ތައުފީގު ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިރުވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދަނީ އެކުގައި ކަމަށެވެ.
ތައުފީގު ވިދާޅުވީ ކޭސްތައް ފެނުމާއި ގުޅިގެން ކައުންސިލުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ރަށުގެ ރައްޔިތުން ހިމެނޭ ގޮތަށް ޓާސްކް ފޯހެއް އެކުލަވާލައިގެން މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެ އިތުރުން ތައުފީގު ވަނީ ކައުންސިލަށް ހުރިހާ ކަމެއްގައިވެސް އެއްބާރުލުން ދެމުން އަންނާތީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 476 ކޮންޓެކްޓުން ފެނިފައިވާ ކަމަށާއި 78 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެއްވަދޫއިން ޕޮޒިޓިވްވެފައި ވަނީ 71 މީހުން ކަމަށް ވެސް ވިދާޅުވިއެވެ.
ގާތްގަނޑަކަށް 1380 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫން އެންމެ ފުރަތަމަ ކޮވީޑް-19 ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު 24ގައެވެ. އެރަށަށް ކަރަންޓީނަށް ދިޔަ އާއިލާއަކުން ކުޑަ ކުއްޖަކު ޕޮޒިޓިވްވިއިރު އޭރު ބެލެވުނީ ބަލި ފެތުރުނީ އެއާއިލާއިން ކަމަށެވެ.
ނަމަވެސް އެ އާއިލާއިން އިތުރު އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި ފަހުން އެޗްޕީއޭއިން ބުނިގޮތުގައި ރަށުގައި އެ ބަލި ފެތުރިފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.