ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 15:39
އިންޑިއާގެ ކޮވިޝިލްޑް ވެކްސިން
އިންޑިއާގެ ކޮވިޝިލްޑް ވެކްސިން
ސޯޝަލް މީޑިއާ
ބްރެޒިލްގެ ތަޢުރީފް
އިންޑިއާގެ ވެކްސިން ބެހުމުގެ އުސޫލަށް ބްރެޒިލްގެ ތަޢުރީފް
 
ސެރަމް އިންސްޓިޓިއުޓުން ވަނީ ބްރެޒިލްއަށް ވެކްސިން ޝިޕްމަންޓް މިހާރު ފޮނުވާފައި
 
ބްރެޒިލްއިން ވަނީ ކޮވިޑްގެ ދަތި ޙާލަތުގައި އިންޑިއާއިން ވެކްސިން ދިނުމުން ޝުކުރުއަދާކުރައްވާފަ

އިންޑިއާގެ ވެކްސިން ބެހުމުގެ އުސޫލަށް ބްރެޒިލުން ތަޢުރީފްކޮށްފިއެވެ.

ބްރެޒިލްއިން އިންޑިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު އެންދްރޭ އަރަނާ ކޮރިއާ ޑޮ ލާގޯ ވަނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބެހުމުގައި ގެންގުޅޭ އިންސާފުވެރި އަދި އޯގާތެރިގޮތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. ބްރެޒިލްގެ ސަފީރު ވަނީ ކޮވިޑްގެ ދަތި ޙާލަތުގައި އިންޑިއާއިން އެޤައުމަށް ވެކްސިން ދިނުމަށް ނިންމުމުން އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. ސެރަމް އިންސްޓިޓިއުޓުން ވަނީ ބްރެޒިލްއަށް ވެކްސިން ޝިޕްމަންޓް މިހާރު ފޮނުވާފައެވެ.

ސެރަމް އިންސްޓިޓިއުޓުން ބްރެޒިލްއަށް ވެކްސިން ފޮނުވާފައިވާއިރު، ކޮވިޑްގެ ކޭސްތައް އެޤައުމުގައި އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮވިޑްގެ ދެވަނަ ރާޅާއެކު ބްރެޒިލްއިން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެފައިވާއިރު، ވައިރަސް ކޮންޓްރޯލްނުވެ ގިނަ ދުވަސްވާވަރަކަށް ހޮސްޕިޓަލަށް ނުކަތާ މިންވަރަށް ބަލި މީހުން ގިނަވެދާނެ ކަމުގެ ބިރު އޮތް ކަމަށް އެގައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ވެސް ބައެއް ހޮސްޕިޓަލްތައް ފުރި ތޮއްޖެހެމުން އަންނަކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޮވިޑްގެ ވައިރަސް ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ދޯދިޔާކޮށް އެޅި ގައުމަކީ ބްރެޒިލެވެ. އެއާއެކު ބްރެޒިލްއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާއިރު، އެގައުމަކީ މުޅި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު ވެސް މެއެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ވަނީ ބްރެޒިލްގެ އިތުރުން އެހެނިހެން ގައުމުތަކަކަށް ވެސް ފޮނުވާފައެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒްގެ މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރު ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން މޮރިޝަސް، މިއަންމާ، ބްރެޒިލް އަދި މޮރޮކޯއަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އިންސާނިއްޔަތުކަމަށް އިސްކަންދޭކަމަށާއި، ވެކްސިން ފޯރުކޮށްދިނުމާއެކު ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ގައުމުތަކުން އިންޑިއާއާމެދު ބާއްވާ ގާތްކަމާއި ކުރަމުންދާ އިތުބާރަށް ޝުކުރުއަދާކުރެއްވިއެވެ.

އެގޮތުން އެއްލައްކަ ޑޯޒް ވެކްސިން މޮރިޝަސްއަށް، 1.5 މިލިއަން ޑޯޒް ވެކްސިން މިއަންމާއަށް، 50،000 ޑޯޒް ވެކްސިން ސީޝެލްސްއަށް، ދެމިލިއަން ޑޯޒް ވެކްސިން ބްރެޒިލްއަށް އަދި ދެމިލިއަން ޑޯޒް ވެކްސިން މޮރޮކޯއަށް ވަނީ ފޮނުވާފައެވެ. އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ މިވެކްސިން އިތުރު ގައުމުތަކަށް ފޮނުވާނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ވެސް ކޮވިޝީލްޑް ވެކްސިން ވަނީ ގެނެސްފައެވެ. އިންޑިއާއިން އުފެއްދި ވެކްސިން އެ ގައުމުގެ އެތައްހާސް ބަޔަކަށް މިހާތަނަށް ދީފައިވާއިރު، ބޭރު ގައުމަކަށް ވެކްސިން ފުރަތަމަ ފޯރުކޮށްދިން ދެގައުމަކީ ރާއްޖެއާއި ބޫޓާންއެވެ.

މި މިވެކްސިންއަކީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީން ކޮލަރބްރޭޓްވެފައިވާ ވެކްސިންއެކެވެ. ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޑޯޒްތައް އުފައްދާތީ އިންޑިއާއިން ވަނީ މިވެކްސިންއަށް ''ކޮވިޝީލްޑް''ގެ ނަމުން ނަންދީފައެވެ. އެސްޓްރަޒެނެކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން، ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެއެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ފުރިހަމަ އިތުބާރާއެކު ކާމިޔާބު ގިނަ ވެކްސިންތަކެއް އުފައްދާ އިންޑިއާގެ ސެރަމް އިންސްޓިއުޓުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިން ކާމިޔާބު ވެކްސިންއަކަށް ވާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އުސޫލު އޮންނަ ގޮތުން ކޮންމެ ވެކްސިންއަކަށް ވެސް ވަކިން ހުއްދަ ދޭން ޖެހޭއިރު، ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔު.އެޗް.އޯ.ގެ ހުއްދަ ލިބޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް