ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 19:14
ވެލެންސިއާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ވެލެންސިއާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ވެލެންސިއާ އާއި ސަސްގެ ކުރިމަތިލުން އެއްވަރު
ވެލެންސިއާ އާއި ސަސް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން
ތާވަލުގެ ދެވަނައިގައި ވެލެންސިއާ އޮތީ 12 ޕޮއިންޓާއެކު
ތާވަލުގެ ހަތަރުވަނައިގައި ސަސް އޮތީ އަށް ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުލަބު ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗަކީ ސަސްގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ ގޯލު ބަލަހައްޓާފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ. މިއީ މި ސީޒަނުގައި ފައިސަލް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ސަސްގެ މިޑްފީލްޑަރު އަޙްމަދު ހަމީދަށް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި ވެލެންސިއާގެ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އޭރިއާ ތެރެއިން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ސަސްގެ ބިދޭސީ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. އަދި މި ހާފުގައި އެންމެ ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ ސަސްގެ ބިދޭސީ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ފުރަތަމަ ހަމަލާ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، ދެވަނަ ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ވަނީ ރޮނގުމަތިން ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި ދެ ޓީމަށްވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު މި ހާފުގައި ވެލެންސިއާގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗަށްފަހު ސަސްގެ ކޯޗު މޯހަން ބުނީ ދެ ދުވަހަށް ބަލާއިރު ސަސްއިން މި މެޗުގައި ދެއްކީ އުންމީދުކުރި ވަރަށް ވުރެންވެސް ރަނގަޅު ކުޅުމެއް ކަމަށާއި، މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު މެޗުން މޮޅުވުމުގެ ފުރުސަތުވެސް ލިބުނު ކަމަށެވެ. އެކަމަކުވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށްވެސް ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ ފުރަތަމަ ބުރުގެ ފަހު ތިން މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ކަމުގައި ވިޔަސް އެ ޓީމަށް މި ބުރުގެ ދެވަނަ ގެއްލެން އޮތީ ހަނި ފުރުސަތެއް ކަމަށެވެ. އެހެންކަމުން ވެލެންސިއާއިން އެއްވަނައަށް އަރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފާނެ ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި ވެލެންސިއާއާ އެއްވަރުކުރި ސަސް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތް މެޗުން އަށް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް