ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ސަރަހައްދީ ޖަމުޢިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ މައި އޮފީސް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް ނިންމައިފިއެވެ.
ބެޑްމިންޓަން އޭޝިއާ 1959 ވަނަ އަހަރު އުފެދުނީއްސުރެން މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ގާއިމުކޮށްފައިވާ އޮފީސް 62 އަހަރަށްފަހު ރާއްޖެ ބަދަލުވެގެން ދިޔުމާއެކު، މި އޮފީސް ވެގެންދާނީ ކުޅިވަރުން މިހާތަނަށް ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބާރުގަދަ ބައިނަލްއަގުވާމީ އޮފީހަށެވެ.
ބެޑްމިންޓަނުގައި އެންމެ ނުފޫޒުގަދަ ސަރަހައްދީ ޖަމުޢިއްޔާގެ އޮފީސް މެލޭޝިއާއިން ރާއްޖެއަށް ބަދަލުކުރަން ނިންމާފައިވާއިރު، މި ޖަމުޢިއްޔާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ދަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދުއެވެ.
ދުނިޔޭގެ ވާދަވެރި ކުޅިވަރެއްގެ ސަރަހައްދީ ޖަމުޢިއްޔާއެއްގައި ޖެނަރަލް ސެކްރެޓަރީކަން މޫސާ އަދާރައްވަމުންދާއިރު، މިއީ ދިވެއްސަކު މިހާތަނަށް އަދާކުރަމުންދާ ކުޅިވަރުގެ އެންމެ މަތީ މަގާމެވެ. މި މަގާމުގެ އިތުރުން ދުނިޔޭގެ ބެޑްމިންޓަނުގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ކައުންސިލުގެ މެންބަރުގެ މަގާމާއި، ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް މޫސާ އަންނަނީ އަދާކުރައްވަމުންނެވެ.
ބެޑްމިންޓަނުގައި ދުނިޔޭގެ އެންމެ ވަރުގަދަ އަށް ގައުމުގެ ތެރެއިން ހަތް ގައުމު އޭޝިއާ ސަރަހައްދަށް ނިސްބަތްވާއިރު، މި އޮފީސް ރާއްޖޭގައި ގާއިމުކުރުމަށް ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައިއެވެ. މި އޮފީސް ދުނިޔޭގެ ނުފޫޒުގަދަ މުއްސަނދި ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ގާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ދުބާއީ އާއި، ސިންގަޕޫރާއި، ޗައިނާ އާއި، އިންޑިއާ އަދި ބަހްރެއިންވެސް ހިމެނޭއިރު، ރާއްޖެއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ސިންގަޕޫރެވެ.
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ މި އޮފީސް ބަދަލުކުރުމަށް ކުރަން ޖެހޭ ޤާނޫނީ މަސައްކަތް މިހާރު ނިންމައި، އޮފީސް ގާއިމުކުރުމަށް ނިންމާފައިވަނީ ހެންވޭރު ބޯޅަގޭގައި ކަމަށެވެ. އަދި އޮފީސް ހެދުމުގެ މަސައްކަތްކުރާއިރު، އެ މަސައްކަތް ނިންމާ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އޮފީހުގެ މަސައްކަތް ފެށޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ބެޑްމިންޓަން އޭޝިއާގެ އެގްޒެކްޓިވް ކޮމިޓީން ނިންމައިގެން އޭޖީއެމްއިން މިހާރު ނިންމާފައި މި ވަނީ ބެޑްމިންޓަން އޭޝިއާގެ މައި އޮފީސް ރާއްޖެއަށް ބަދަލުކުރުމަށް. ކުޅިވަރު ފެޑަރޭޝަނެއްގެ ސަރަހައްދީ ފެޑަރޭޝަނެއްގެ މައި އޮފީސް ރާއްޖެ ގެނެވޭ މިއީ ފުރަތަމަ ފަހަރު. މިއާއެކު އަޅުގަނޑު އުންމީދުކުރަން ރާއްޖޭގައި އެހެން ފެޑަރޭޝަންތަކުންވެސް، އެސޯސިއޭޝަންތަކުންވެސް މިގޮތަށް މަސައްކަތް ކުރާނެ ކަމަށް. ރާއްޖޭގައި ކަންކަން ކުރަން ފަސޭހަވުމުގެ ފައިދާ އެހެން އެސޯސިއޭޝަންތަކުންވެސް ނަގާނެ ކަމަށް.ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް މޫސާ ނާޝިދު
ރާއްޖޭގައި އޮފީސް ގާއިމުކުރުމާއެކު މެލޭޝީއާއިންވެސް ރާއްޖެއަށް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނާނެ ކަމަށާއި، އޭގެ ތެރޭގައި ފައިނޭންސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެޑްމިންގެ އެންމެ އިސް މުވައްޒަފުން އަންނައިރު، ރާއްޖޭގައި އޮފީސް ގާއިމުކުރުމާއެކު މެލޭޝިއާގައި ކުރިއަށްގެންދިޔަ ވަރަށް ގިނަ މަސައްކަތް ދެން ކުރިޔަށްދާނީ ރާއްޖޭގައި ކަމަށް މޫސާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ބޭންކިންގެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑު ރެވެނިއުއެއް ދައުރުވެގެންދާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ބެޑްމިންޓަން އޭޝިއާގެ މުޅި އޮޕަރޭޝަނުގެ މައި މަސައްކަތް ރާއްޖެއަށް ބަދަލުކުރާއިރު، ޓެކްނިކަލް މަސައްކަތްތައް ކަމަށްވާ ކޯޗުން ތަމްރީނުކުރުމާއި، އިވެންޓްސްތަކުގެ މަސައްކަތްތަކާއި، ޓެކްނިކަލް އޮފިޝަލުންގެ މަސައްކަތް އަދިވެސް މެލޭޝިއާގައި ކުރިޔަށްދާނެ ކަމަށާއި، އެގޮތަށް އެކަން ބާއްވަން ނިންމާފައިވަނީ މެލޭޝީއާ ހިމެނޭ ސަރަހައްދަކީ ސެންޓަލައިޒް ސަރަހައްދަކަށްވެފައި، އެ މަސައްކަތް ކުރަން ފަސޭހައަކަށް ކަމަށް މޫސާ ވިދާޅުވިއެވެ.
އަދި ބެޑްމިންޓަން އޭޝިއާގެ ފަރާތުން ބައިނަލްއަގުވާމީ އެކެޑަމީއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި، ސަރަހައްދީ އޮފީސް ހުންނަ ގައުމެއްގައި އެކެޑަމީގެ ގޮތްޕެއް ގާއިމުކުރެވިގެންދާއިރު، އެ ފުރުސަތުވެސް ރާއްޖެއަަށް ލިބިގެންދާނެ ކަމަށްވެސް ބެޑްމިންޓަނުން ރާއްޖެއަށް ބޮޑު ކުރިއެރުމެެއް ގެނެސްދެމުން އަންނަ މޫސާ ވިދާޅުވިއެވެ.
ރާއްޖޭގައި އޮފީސް ގާއިމުކުރުމާއެކު މެލޭޝިއާގައި ކުރިޔަށްގެންދިޔަ ވަރަށް ގިނަ ކަންކަން ރާއްޖެއަށް ބަދަލުވެގެން އެ ދަނީ. އޭގެ ތެރޭގައި ބޭންކިންގެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑު ރެވެނިއުއެއް ރޯލްވެގެންދާނެ. އެހާ ބޮޑު ފައިސާގެ އަދަދުތަކެއް ރޯލުވެގެން ދަނިއްޔާ އެވެސް ރާއްޖެއަށް ވަންނާނެ ފޮރިންގ އިންކަމަކަށް ވެގެންދާނީ. ދެން ލިބޭ އަނެއް ޔަގީންކަމަކީ ބެޑްމިންޓަން އޭޝިއާއިން މި ވަގުތު މި ވަނީ އިންޓަނޭޝަނަލް އެކެޑަމީއެއް ގާއިމުކުރުމަށް ނިންމާފައި. އެ އެކެޑަމީގެ ބްރާންޗެއް އަބަދުވެސް ހެޑް އޮފީސް ހުންނަ ތަނެއްގައި ހުންނާނެ. އެހެންވީމާ ސައުތު އޭޝިއާ ރީޖަންގެ އެކެޑަމީ ލޯންޗުކުރެވިގެންދާނީ ރާއްޖޭގައި.ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް މޫސާ ނާޝިދު
ސައުތު އޭޝިއާ ރީޖަނުގެ އެކެޑަމީ ރާއްޖޭގައި ގާއިމުކުރެވިގެންދާއިރު، އެ އެކަޑަމީ އާއެކު މެދުނުކެނޑި ބެޑްމިންޓަނުގެ ބައިނަލްއަގުވާމީ ހަރަކާތްތައް ކުރިއަށްދާނެއެވެ. ރާއްޖޭގައި އެކެޑަމީ ހިންގުމަށް ބޭނުންވާ ކޯޗުންނާއި، ބޯޅަ އާއި، އަދިވެސް އެކެޑަމީއަށް ބޭނުންވާނެ ހުރިހާ ޚަރަދެއް ލިބިގެންދާއިރު، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއެކު ތަމްރީން ހަދާނެ ބޭރުގެ ކުޅުންތެރިން މެދުކެނޑުމެއްނެތި ރާއްޖެ އަންނައިރު، މިއީ ރާއްޖޭގެ ބެޑްމިންޓަންގެ ފެންވަރު މައްޗަށް ޖައްސާލުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް މޫސާ ވިދާޅުވިއެވެ.
ރާއްޖޭގެ ބެޑްމިންޓަނަށް ބޮޑު ބަދަލެއް ގެނެސް ބެޑްމިންޓަނުން ރާއްޖެއަށް ރަން މެޑަލް މޫސާގެ ދައުރުގައި ހޯދާފައިވާއިރު، އޭޝިއާގެ ބެޑްމިންޓަނުގެ މައި ޖަމުޢިއްޔާގެ ޖެނެރަލް ސެކްރެޓަރީއަކަށް މޫސާ އިންތިޚާބުވެވަޑައިގަތީ ބެޑްމިންޓަން އެސޯސިއޭޝަނުގެ އޮނަރަރީ ރައީސްކަމާއި، ނައިބު ރައީސްކަމާއި، ޗެއާމަންކަންކަން ކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށްވާ ޗައިނާގެ ސްޕޯޓްސް ފެޑެރޭޝަނާއި، އެ ގައުމުގެ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ޓޮން ވައި ލުންއާ ވާދަކުރައްވައެވެ.
ރާއްޖޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މޫސާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ބެޑްމިންޓަން ފެޑެރޭޝަނެއް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެކަކެވެ. އެ ޖަމުޢިއްޔާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއެކު، ސަރަހައްދުގެ ބެޑްމިންޓަނަށް ބޮޑު ކުރިއެރުމެއް ގެނައުމަށް މޫސާ މަސައްކަތް ކުރަމުންދާއިރު، މި ސަރަހައްދުގެ 21 އަހަރުން ދަށުގެ މުބާރާތް 2019 ވަނަ އަހަރު އައްޑޫ ސިޓީގައި ވަނީ ބާއްވާފައެވެ. މިއީ މާލެ ފިޔަވާ އަތޮޅު ތެރޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެކެވެ.