ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 79 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާގޮތުން 79 މީހުން ޕޮޒިޓިވްވެފައި ވަނީ ނެގި 3،428 ސާމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން 36 މީހުންނަކީ މާލެ ސަރަހައްދުން ފެނިފައިވާ ކޭސްތަކެވެ. އަދި 35 ކޭސް ފެނިފައި ވަނީ ރިސޯޓުތަކުންނެވެ. މީގެ އިތުރަށް އަތޮޅުތެރެއިން ފެނުނު ހަ ކޭސް އެއްވެސް ހިމެނެ އެވެ.
މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 14،712 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 1،017 މީހުންނަށެވެ.
މިހާތަނަށް 13،639 މީހުން މި ބަލިން ފަސޭހަވެފައިވާއިރު ރާއްޖެއިން މި ބަލީގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރާ ވަރު މަދުވެފައިވާތާ ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު 50 އިން މަތީގައި އުޅޭތާވެސް މިހާރު ވަނީ ހަފްތާއެއް ވެފައެވެ. މި ކޭސްތަކުގެ ތެރޭގައި އާންމުކޮށް ގިނައިން ފެންނަނީ ރިސޯޓުތަކާއި މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކެވެ.