އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ލ.އަތޮޅު ބުރުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ލ.ގަމު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ކުނަހަންދޫ ކާމިޔާބުކުރީ 7-1 ގެ ތަފާތު ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު ކުނަހަންދޫ ފައިނަލަށް ދަތުރުކުރީ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ކުނަހަންދޫ ވަނީ ކުޅުނު ހަތަރު މެޗުން ދެ މެޗު ކާމިޔާބު ކޮށް އަދި ދެ މެޗު އެއްވަރުކޮށް އަށް ޕޮއިންޓް ހޯދާ ފައެވެ. ފައިނަލްގެ ދެވަނަ ޖާގަ ހޯދި މާބައިދޫ އަށް ވެސް ވަނީ އަށް ޕޮއިންޓް ހޯދާފައެވެ. ކުނަހަންދޫ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލެއް ޖަހާ ކުރި ހޯދީ މުންޑޫ އެވެ. މެޗުގެ 20 ވަނަ މިނެޓްގައި މުންޑުއަށް ލީޑު ނަގައިދިނީ އަލީ ނާޒިމެވެ.
އެހެން ނަމަވެސް މި މެޗުން އެއް ޕޮއިންޓް ހޯދި ނަމަވެސް ފައިނަލްގެ ޖާގައެއް ލިބެން އޮތް ކުނަހަންދޫން ވަނީ ހާފު ނިމުމުގެ ކުރިން ދެ ގޯލް ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ކުނަހަންދޫ އަށް ގޯލް ޖަހައިދިނީ މުހައްމަދު ރަމީޒުއާއި މުސްތަފާ އިދުރީހެވެ.
ދެވަނަ ހާފުގައި ކުނަހަންދޫން ވަނީ ފަސް ގޯލް ޖަހާފައެވެ. މި ގޯލްތައް އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ޝަރީފް، ޔޫސުފް މޫސާ، އަހުމަދު ތަހުސީންގެ އިތުރުން ފުރަތަމަ ގޯލް ޖެހި މުހައްމަދު ރަމީޒު އަދި މުހައްމަދު އަނިލް އެވެ.
ލ.އަތޮޅުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.