ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް އިސްތިއުފާދިން ކަމުގައިވީ ނަމަވެސް، ބޮޑެތި ބަދަލުތަކެއް ނާންނާނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުން އާދަމް ވަނީ އިސްތިއުފާދީފައެވެ. އެއާއެކު ޔޫވީން ވަނީ މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ވަގުތީ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ހަމަޖައްސާފައެވެ. ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި ހަމަޖެއްސިއިރު، މި ސީޒަން ޔޫވީން ފަށާފައިވަނީވެސް ސާންތި އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހުއެވެ.
ޔޫވީގެ ކޯޗުގެ މަގާމުން އާދަމް އިސްތިއުފާދީފައިވާއިރު، ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީއެވެ. އެއާއެކު ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ހަ މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.
ލީގުގައި ބުރާސްފަތި ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލައްޗޭ ބުނީ އެ ޓީމުގެ ހެޑް ކޯޗު، މަގާމުން އިސްތިއުފާދީފައިވީ ނަމަވެސް ޓީމަށް ބޮޑެތި ބަދަލުތަކެއް ނާންނާނެ ކަމަށާއި، ސަބަބަކީ މިހާރު އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސާންތި އަކީ ސީޒަން ފެށުނީއްސުރެ ޓީމުގެ ކަންކަން ބަލަހައްޓަމުން އައި ކޯޗުކަމުގައި ވާތީ ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ ފެންވަރު ސާންތިއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ލައްޗޭ ވަނީ ބުނެފައެވެ.
ޔޫވީއާ ދެކޮޅަށް ދަ ގްރާންޑޭ ނުކުންނައިރު، އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވަރުގަދަ ކުލަބު ވެލެންސިއާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ޔޫވީ މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ޔޫވީއާ ދެކޮޅަށް ނުކުންނާނީ ހުރިހާ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާ، މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ހުރިހާ ކުޅުންތެރިންނާ ދޭތެރޭވެސް އިތުބާރު އެބައޮތް ކަމަށްވެސް އިންމަ ބުންޏެވެ.
އިންމަ އިތުރަށް ބުނީ މި ސީޒަނުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ އެއްވެސް ޓީމަކީ ބަލި ޓީމެއް ކަމުގައި ނުދެކޭ ކަމަށާއި، އަދި ޔޫވީގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެ ޓީމު ފަސޭހަކޮށް ނެގޭނެ އެއްވެސް ފުރުސަތެއް ދަ ގްރާންޑޭއަށް ނެތް ކަމަށެވެ. އެހެންކަމުން ޔޫވީއާ ދެކޮޅަށްވެސް ނުކުންނަން ޖެހޭނީ މިދިޔަ މެޗަށް ކުޅުންތެރިން ނުކުން ވިސްނުމުގައި ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.
ލީގުގައި ދަ ގްރާންޑޭއިން މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ.