ކ. މާލެ
|
20 ޖެނުއަރީ 2021 | ބުދަ 16:05
މެންޗެސްޓާ ސިޓީގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ފޯވާޑެއް ނުގެންނަން ސިޓީން ނިންމުން
ސިޓީއަށް ބޭނުންވަނީ އަގުއޭރޯ: ގާޑިއޯލާ
އަނިޔާގެ ސަބަބުން އަގުއޭރޯއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައި
ސިޓީއަށް އިތުރު ފޯވާޑެއް ނުގެންނާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައި

މި ޓްރާންސްފާ ބާޒާރުގައި އިތުރު ފޯވާޑެއް ނުގެންނާނެ ކަމަށާއި، މެންޗެސްޓާ ސިޓީއަށް ބޭނުންވަނީ އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ގާޑިއޯލާ ވަނީ ޖެނުއަރީ ޓްރާންސްފާގައި އެ ޓީމަށް އިތުރު ފޯވާޑެއް ނުގެންނާނެ ކަމަށް ބުނެފައެވެ. އެކަމަކު މި ސީޒަނުގައި ސިޓީއަށް ކުޅެމުން އަންނަ އުމުރުން 32 އަގުއޭރޯއަށް ވަނީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައެވެ.

އަދި މި މަހުގެ 10 ވަނަ ދުވަހުގެރޭ އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގެ މެޗުގައި ދެވަނަ ޑިވިޝަނުގެ ބާމިންހަމް ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ އަގުއޭރޯ ކޮންޓެކްޓްވުމާ ގުޅިގެން ފަހު ވަގުތު އޭނާ ވަނީ އެކަހެރިވާން ޖެހިފައެވެ. އަގުއޭރޯ ވައިރަހަށް ނެގެޓިވްވި ނަމަވެސް، އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން ޕޮޒިޓިވްވި މީހަކާ ކޮންޓްކެޓްވި މީހެއް ނަމަ 10 ދުވަހަށް އެކަހެރިވާން ޖެހޭނެއެވެ. އެހެންކަމުން ސިޓީން މިހާތަނަށް ކުޅުނު ދެ މެޗުވެސް އަގުއޭރޯ ގެއްލިފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އެސްޓަން ވިލާއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައިވެސް އަގުއޭރޯއަށް ނުކުޅެވޭނެކަން ގާޑިއޯލާ ވަނީ ޔަގީންކޮށްދީފައެވެ.

ވިލާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ އަގުއޭރޯ މަތިން ހަނދާންވާ ކަމަށާއި، ސިޓީގެ ތާރީޚުގައިވެސް އެންމެ މޮޅު ފޯވާޑަކީ އަގުއޭރޯ ކަމަށެވެ. އަދި މި ޓްރާންސްފާގައި އިތުރު ފޯވާޑެއް ނުގެންނާނެ ކަމަށާއި، އޭނާ ބޭނުންވަނީ އަގުއޭރޯ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގައި އަގުއޭރޯއަށް މީގެ ކުރިން ގިނަ މެޗުތަކެއް ގެއްލިފައިވާއިރު، މި ސީޒަނުގައި މިހާތަނަށް އަގުއޭރޯ ސިޓީއަށް ކުޅެދީފައިވަނީ އެންމެ ފަސް މެޗެވެ. އަދި މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަދި މިހާތަނަށް އަގުއޭރޯ ލަނޑެއް ޖަހާފައެއް ނުވެއެވެ.

އަގުއޭރޯއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވީ މިދިޔަ އަހަރުގެ ޖޫން މަހު ކަކުލަށް އަނިޔާވެ އޮޕަރޭޝަނެއް ކުރަން ޖެހުނު ހިސާބުންނެވެ. އެގޮތުން އެ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައިތާ ހަތް ދުވަސް ފަހުން ފަލަމަސްގަނޑަށްވެސް އަނިޔާވެ އަގުއޭރޯއަށް ގިނަ މެޗުތަކެއް މި ސީޒަނުގައި ގެއްލުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް