އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަހާއި ގުޅިގެން ގައުމާ މުޚާތަބު ކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް ކަމަށެވެ.
އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްސަ ޝުކުރެއް އެމަނިކުފާނު ވަނީ ދަންނަވާފައެވެ.
ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށް ފަހު، މިއަދަކީ، اللهُ سُبْحَانَهُ وَتَعَالَىގެ ރަޙްމަތްފުޅުން، މިބަލިން ސަލާމަތްވުމުގެ އުންމީދު، އަޅުގަނޑުމެންނަށް އައުވެގެންދާ ދުވަހެއް. މިއަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް. އެކަމަށްޓަކައި އެންމެ ފުރަތަމަވެސް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ކޮވިޑް-19 ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށް، ސިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ އެކަން ހާސިލް ކުރުމަށް މިއަދާ ހަމައަށް އައި އިރު، ކުރެވުނު މަސައްކަތުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ. އަދި އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ ވޭތުވެ ދިޔަ 10 މަސްދުވަހަކީ، ކޮވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙަމަލުކުރި ދުވަސްތަކެއް ކަމަށާއި، އެތައް ބައެއްގެ ވަޒީފާ ގެއްލުނު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެތައް އާއިލާއެއްގެ ބައެއް މެންބަރުން އަބަދަށް ވަކިވެގެން ދިޔަ ކަމަށާއި، ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު ކަމަށާއި، އާއިލާތަކުގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެން ޖެހުނު ކަމަށެވެ. އަދި ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ލިބޭ އައު އުންމީދާއެކީ ވެސް، ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، ހުރިހާ ރައްޔިތުން ވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑު ޖައްސާލުމަށާއި، ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދިނުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވިއެވެ.