ފ.ނިލަންދޫ ގޭބިސީތަކުގައި ބޭނުން ކުރަމުންދާ ވަޅުފެނުގައި ތެލުގެ އެއްވެސް އަސަރެއް ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
އެރަށުގެ ކައުންސިލުން ބުނީ މި ހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ''އައްޑަނަ ރައްޔިތުންގެ ތެއު ސެންޓަރު'' ހިމެނޭ ސަރަޙައްދަށް ޑީސަލް ލީކުވެ ބިމަށް ހިދިފައިވާކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރަށުގެ ފެންފަށަލައަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްކަމަށް، ކަމުގެ ފަންނީ ބޭފުޅުން މައުލޫމާތު ދީފައިވާތީ ގޭބިސީތަކުގައި ބޭނުން ކުރަމުންދާ ވަޅުފެނުގައި ތެލުގެ އެއްވެސް އަސަރެއް ހުރިތޯ ބެލަމުންދާ ކަަމަށް ކައުންސިލުން ބުނެއެވެ.
އެގޮތުން މި ހާދިސާއާ ގުޅިގެން އެއްވެސް ގޭބިސީއެއްގައި ބޭނުން ކުރަމުންދާ ވަޅުފެނުގައި ތެލުގެ އެއްވެސް އަސަރެއް ހުރިތޯ ބަލައި، ފެނުގެ ކުލަ، ރަހަ، ވަހަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުމަށް އެދިފައިވެއެވެ.
މިހާދިސާއާ ގުޅިގެން އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށާއި، ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.