އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ޗެލްސީ ބަލިކޮށް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ވިލްފްރިއެޑް އެންޑީޑީއެވެ.
އޭގެ ފަހުން ޗެލްސީން މި މެޗުގައި ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 38 ވަނަ މިނެޓުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ލެސްޓާގެ ޖޯނީ އެވަންސް ކުރި ފައުލަކަށް ރެފުރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އެވަންސް ފައުލުކުރީ އޭރިއާ ބޭރުންކަމަށްވާތީ ފަހުން ނިންމީ ހިލޭ ޖެހުމަކަށް ބަދަލުކުރާށެވެ.
އޭގެ ތިން މިނެޓު ފަހުން ލެސްޓާއިން ވަނީ މި މެޗުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޭމްސް މެޑިސަންއެވެ.
މި މޮޅާއެކު ލެސްޓާ ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 19 މެޗުން 38 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ލެސްޓާ އަތުން ބަލިވި ޗެލްސީ އޮތީ ތާވަލުގެ އަށްވަނައިގައި 19 މެޗުން 29 ޕޮއިންޓާއެކުއެވެ.