ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް މަސައްކަތް ކުރަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ނޫން ކަމަށާއި އިންތިހާބު ފަސްކުރުމަށް މަސައްކަތްކުރަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިންތިހާބު ފަސްކުރުމަށް މަސައްކަތްކުރާ ކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ލޯކަލް އިންތިހާބު ބޭއްވުން ފަސްވެފައި ވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށާއި އެކަމާ ގުޅިގެން އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކަށް ހުރަސް އެޅިގެން ދިޔަ ކަމަށެވެ.
ނިޔާޒް ވިދާޅުވީ، ސަރުކާރުން އިންތިހާބު ފަސްކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އިންތިހާބު ފަސްކޮށްގެން ވާނެ ފައިދާއެއް ނެތް ކަމަށެވެ. އަދި މިހާރުގެ ހާލަތުގައި އިންތިހާބު ނުބޭއްވި ދިގުލައިގެންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެކަމުގެ ހަގީގަތް އޮޅޭގޮތަށް އާންމުންގެ ތެރޭގައި ވާހަކަ ފަތުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ނިޔާޒް ވިދާޅުވީ 2017 ވަނަ އަހަރު ބާއްވަން މަސައްކަތްކުރި ކައުންސިލް އިންތިހާބު ނުބާއްވަން އޭރުގެ ސަރުކާރު ހިންގެވުމުގައި ހަރަކާތްތެރިވި ޕީޕީއެމުން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ކަމަށާއި އެކަމާ ގުޅިގެން ކޯޓުތަކަށް އޭރު މައްސަލަ ވެއްދުމުން ސާފު ވެގެންދިޔައީ އެ ޕާޓީން އިންތިހާބަށް ތައްޔާރު ނުވެވޭތީ އިންތިހާބު ނުބާއްވައި ދިގު ދައްމާލަން ބޭނުންވުން ކަމަށެވެ.
މި މަގާމުތަކަކީ ރައްޔިތުން ވޯޓު ލައިގެން އިންތިހާބުކޮށްފައިވާ މަގާމުތަކެއް. ރައްޔިތުން އިންތިހާބުކޮށްފައިވާ ފަރާތްތަކެއް ރައްޔިތުންގެ ރުހުން ނެތި ހޭދަކުރާ ދުވަސްތަކަކީ އެއީ އުނދަގޫ ކަމެއް ބަލައިގަންނަން ޑިމޮކްރެޓިކް ވެއްޓެއްގަ. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ބޮޑު މައްސަލައެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެންމެންނަށް އެނގޭ މިފަހަރު މިކަން މިދިމާވީ ކޮން ސަބަބަކާ ހެދި ކަމަށް. މިކަމާ ގުޅިގެން އިންތިހާބު ބޭއްވޭނެ އެއްވެސް މާހައުލެއް ނެތިގެން އެކަން އެގޮތަށް ދިމާވި އިރު.ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް
އަލީ ނިޔާޒް ވިދާޅުވީ، އޭރު ސަރުކާރުގެ މައި ޕާޓީ ޕީޕީއެމްގެ ފަރާތުން އިންތިހާބަކަށް ދިއުމުގެ ނިޝާނެއް ނުވަތަ އިންތިހާބެއް އަވަހަށް ބޭއްވުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެނިގެން ގޮސްފައިނުވާ ކަމަށެވެ. އަދި އޭރު ކޯޓުތަކުގައި އަމަލުކުރަމުން އަންނަ އުސޫލަކީ ވެސް އެބޭފުޅުން އެއިރެއްގައި ބޭނުންވާ ކޮންމެ ގޮތަކަށް ކަންކަން ނިމިގެންދާ އުސޫލު ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބަށް އެންމެ އެކަށީގެންވާ ގޮތުގައި ކެމްޕޭނު ކުރުމަށް އިދިކޮޅަށް ފުރުސަތު ނުލިބޭ ވާހަކައަށް ރައްދު ދެއްވަމުން އަލީ ނިޔާޒްް ވިދާޅުވީ، އެފަދަ މާހައުލެއް ނެތްކަމަށް އިދިކޮޅުން ވިދާޅުވާއިރު، ގަވައިދުން ޕީޕީއެމްގެ އޮފީހުގައި ޖަލްސާ ބާއްވާ ކަމަށެވެ. އަދި އެއީ ކެމްޕޭނު ކުރުން ނޫންތޯ ވިދާޅުވެ، އަލީ ނިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
އޭނާ ވިދާޅުވީ، އެ ޖަލްސާތައް ޕީޕީއެމުން ބާއްވާއިރު، އެކަމަށް ހުރަސް އަޅާނެ ބަޔަކުވެސް ނުތިބޭ ކަމަށާއި ހަމަ އެއާއެކު މަގުތަކަށް ނުކުމެ މުޒާހަރާ ވެސް ބާއްވާއިރު، އެކަން ވެސް ހުއްޓުވާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.
އަލީ ނިޔާޒު ވިދާޅުވީ، އެ ހުރިހާ ގޮތަކުންވެސް ލުއިތައް ދީފައިވާއިރު، އެކަން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް ސަރުކާރުންވެސް އަދި އެމްޑީޕީން ވެސް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި އެއީ ފައްކާވަމުން އަންނަ ޑިމޮކްރެޓިކް ވެއްޓެއްގައި އެމްޑީޕީ އިސްވެ އޮވެ ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.