ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނެ ދުވަހަކާ ގުޅޭ މަޝްވަރާތައް ބުދަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ، ކަންކަން ކުރިއަށްގެންދާނެ ގޮތަކާ ގުޅޭގޮތުން ބާއްވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބުދަ ދުވަހުގެ ހެނދުނު 11:00 ށް އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައި އޮންނާނެ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާނެ ދުވަހަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޑްރާފްޓުކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ގައިޑްލައިނާ ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމުގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އެންމެ ފަހުގެ މައުލޫމާތުތައް މެންބަރުންނާ ހިއްސާކުރުންވެސް ހިމެނެއެވެ.
އިންތިޚާބުތަކާ ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމެއް ބުދަ ދުވަހަށް ތާވަލުކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ގައިޑްލައިން އެކުލަވާލައި، އެޗްޕީއޭއިން އިލެކްޝަންސް ކޮމިޝަނުގެ މަޝްވަރާއަށް ފޮނުވާފައި ވަނިކޮށެވެ.
މިހާރު ޤާނޫނު ބުނާ ގޮތުން އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ހާލަތެއް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ، 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެ ކަމަށްވެސް އަލަށް ގެނައި އިސްލާހުގައިވެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި، އުސޫލުތަކާއި، އިރުޝާދުތައް އެކުލަވާލަންވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވޭނެ ގޮތަށް ކަމަށްވެސް މި އިސްލާހުގައިވެއެވެ.