ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 18:31
މިލާނާ ގުޅުނު ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް
މިލާނާ ގުޅުނު ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް
ގެޓީ އިމޭޖަސް
މަންޒުކިޗް މިލާނާ ގުޅުން
މަންޒުކިޗް މިލާނަށް ސޮއިކޮށްފި
މަންޒުކިޗް މިލާނަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
މަންޒުކިޗް ވަނީ މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަދާފައި

ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް އޭސީ މިލާނަށް ސޮއިކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ފޯވާޑް މިލާނާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ނިޔަލަށް މިލާނުގައި މަޑުކުރުމަށް އެއްބަސްވުން ހަދާފައެވެ. މަންޒުކިޗް މިލާނަށް ސޮއިކުރިއިރު، ގަތަރުގެ އަލް-ދުހައިލް އާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ޖުލައި މަހު އުވާލި ފަހުން އޭނާ ޓީމަކާ ގުޅިފައެއް ނުވެއެވެ.

ގަތަރު ލީގަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަންޒުކިޗް ބަދަލުވިއިރު، ހަ މަސް ފަހުން މަންޒުކިޗް ދުހައިލް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ދެ ފަރާތް އެއްބަސްވެގެންނެވެ. ދުހައިލުގައި ހޭދަކުރި ހަ މަހުގެ ތެރޭގައި މަންޒުކިޗް އެ ކްލަބަށް ކުޅެދީފައިވަނީ އެންމެ 10 މެޗެވެ. އަދި މި މެޗުތަކުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ލަނޑެވެ.

ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބާއި، ޖަރުމަނުގެ ވޮލްފްސްބާގާއި، ބަޔާން މިއުނިކް އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށްވެސް ކުރިން ކުޅުނު މަންޒުކިޗް މީގެ ކުރިން ވަނީ އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 162 މެޗުގައި 44 ލަނޑު ޖަހާފައެވެ. އަދި ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން މަންޒުކިޗް މިލާނާ ގުޅުނުއިރު، އެ ޓީމުން މި ސީޒަނުގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ އިޓާލިއަން ލީގުގައި އަދި މިހާތަނަށް އެންމެ މެޗަކުން މިލާން ބަލިވެފައިވާއިރު، އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. އަދި އެ ޓީމުގެ ފޯވާޑް ލައިނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރަހިމޮވިޗެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގެ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގައި 12 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް