ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 15:50
މަރަޑޯނާ ކަޕުގެ ތައްޓާއެކު ބޮކަ ޖޫނިއާސްގެ ކުޅުންތެރިން
މަރަޑޯނާ ކަޕުގެ ތައްޓާއެކު ބޮކަ ޖޫނިއާސްގެ ކުޅުންތެރިން
އޭއެފްޕީ
ޑިއޭގޯ އާމަންޑޯ މަރަޑޯނާ ކަޕް
މަރަޑޯނާ ކަޕް ބޮކަ ޖޫނިއާސްއިން ކާމިޔާބުކޮށްފި
މިއީ މަރަޑޯނާގެ މަރާ ގުޅިގެން އަލަށް ތާރަފުކުރި މުބާރާތެއް
މި މުބާރާތް ބޮކަ ޖޫނިއާސްއިން ކާމިޔާބުކުރީ ފައިނަލުގައި ބަންފީލްޑް ބަލިކޮށްގެން

އަލަށް ތާރަފުކުރި ޑިއޭގޯ އާމަންޑޯ މަރަޑޯނާ ކަޕް ބޮކަ ޖޫނިއާސްއިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް މަރަޑޯނާ މަރުވުމާ ގުޅިގެން ތާރަފުކުރި މުބާރާތެކެވެ. މި މުބާރާތަށް މަރަޑޯނާގެ ނަން ދީފައިވާއިރު، މި މުބާރާތުގައި ވާދަކޮށްފައިވަނީ މިދިޔަ ސީޒަނުގެ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި 24 ޓީމެވެ.

ދެ ބުރަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުޅުމަށްފަހު، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ބޮކަ ޖޫނިއާސް އާއި ބަންފީލްޑެވެ. މި މެޗު ބޮކަ ޖޫނިއާސްއިން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ބޮކަ ޖޫނިއާސްއިން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު ބަންފީލްޑުގެ ރޮޑްރިގޭޒް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވިއެވެ.

އަލަށް ތާރަފުކުރި މަރަޑޯނާ ކަޕް ބޮކަ ޖޫނިއާސްއިން ކާމިޔާބުކުރިއިރު، ބޮކަ ޖޫނިއާސްއަކީ މަރަޑޯނާއަށް ހާއްސަ ޓީމެކެވެ. އެގޮތުން 1981 ވަނަ އަހަރު ބޮކާ ޖޫނިއާސްއާ އެންމެ ފުރަތަމަ ގުޅުމަށްފަހު އޭނާ ވަނީ އެ ކުލަބާއެކު އާޖެންޓީނާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މަރަޑޯނާގެ ކުލަބު ކެރިއަރު ނިންމާލީވެސް ބޮކާ ޖޫނިއާސްއަށް ބަދަލުވުމަށްފަހު 1997 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް