ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 15:17
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ޕީއެސްޖީން މެސީއަށް ފާރަލުން
މެސީއަށް ޝައުގުވެރިވާކަން ޕީއެސްޖީން ހާމަކޮށްފި
މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީއަށް ކުލަބު ބަދަލުކުރެވޭނެ
ޕީއެސްޖީގެ ޓްރާންސްފާ ލިސްޓުގައި މެސީ ހިމެނޭ ކަމަށް ލިއޮނާޑޯ ވަނީ ބުނެފައި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއޮނާޑޯ ބުނެފިއެވެ.

މި ނިމުނު ޓްރާންސްފާ ބާޒާރުގައި އުމުރުން 33 އަހަރުގެ މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ.

މި ސީޒަނުގެ ނިޔަލަށް ބާސާއާއެކު މެސީ އެއްބަސްވުމުގައި ހުރިއިރު، މި މަހު އޭނާ ބޭނުންނަމަ އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު މެސީއަށް ލިބެއެވެ. އެކަމަކު މީގެ ކުރިން މެސީ ވަނީ މި ޓްރާންސްފާގައި އެއްވެސް ކުލަބަކާއެކު މަޝްވަރާ ނުކުރާނެ ކަމަށް ބުނެފައެވެ.

މެސީގެ ސޮއި ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އުޅޭއިރު، ފާއިތުވި ހަފުތާތަކުގައި މެސީ އާއި ޕީއެސްޖީ ގުޅުވައިގެން ގިނަ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ޕީއެސްޖީއަށް ދާން މެސީ އެއްބަސްވެފައިވާ ކަމަށް ކަމަށް ބުނެ މީގެ ކުރިން ސްޕެއިން ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް، އެކަން މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ ދޮގުކޮށްފައެވެ.

ދާދި ފަހުން ފްރާންސް ފުޓްބޯލްއަށް ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއޮނާޑޯ ބުނީ ނަން މަޝްހޫރު ބޮޑެތި ކުޅުންތެރިން އަބަދުވެސް ޕީއެސްޖީން ބޭނުންވާނެ ކަމަށާއި، އެ ގޮތަށް ބަލާއިރު އެ ކުލަބުގެ ޓްރާންސްފާ ލިސްޓުގައި މެސީ ހިމެނޭނެ ކަމަށެވެ. އެކަމަކު މި ސީޒަން ނިމެން އަދި ފަސް ވަރަކަށް މަސް އެބައޮތް ކަމަށާއި، އެހެންކަމުން ވަކި ކުޅުންތެރިއަކަށް ހާއްސަކޮށްގެން ވަކި ޖާގައެއް ޓީމުގައި މިހާރުން ފެށިގެން ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށްވެސް ލިއޮނާޑޯ ވަނީ ބުނެފައެވެ.

މެސީއަށް ޝައުގުވެރިވާކަން ޕީއެސްޖީން ހާމަކުރިއިރު، މި އަހަރު މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ ވަނީ މިދިޔަ ޑިސެމްބަރު މަހު ބުނެފައެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެސީ ވަނީ ކެރިއަރުގެ ވަކި ހިސާބަކުން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި ކުޅެން ޝައުގުވެރިވާ ކަމަށް ބުނެފައެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 648 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް