މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމަށް ދާދި ފަހުން ކުލަބު އީގަލްސްގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.
ސަސްގެ ކޯޗަކަށް މޯހަން ހަމަޖެއްސީ އެ ޓީމާއެކު އަޙްމަދު ނާޝިދު (ނާދު) ހަދާފައި އޮތް އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން ހޯމަ ދުވަހު އުވާލުމަށްފަހުއެވެ. އެއާއެކު އަންގާރަ ދުވަހުގެ ވަގުތެއްގައި ސަސްއިން ވަނީ މޯހަން އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ސަސްގެ ކޯޗުގެ މަގާމާ މޯހަން ހަވާލުވިއިރު، މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ އީގަލްސްއާއެކު ހަދާފައި އޮތް އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލާފައެވެ. މޯހަން އީގަލްސްއިން ވަކިވީ މި ސީޒަނުގައި އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ. އެގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މީހަންގެ އިރުޝާދުގެ ދަށުން އީގަލްސްއިން މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަދި ހަތަރު މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއާއެކު އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ.
އެކަމަކު މީގެ ކުރިން މޯހަން އާއެކު އީގަލްސްއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އޭނާއާއެކު އެ ޓީމުން ވަނީ މިދިޔަ ދެ ސީޒަނުގައިވެސް ލީގުގެ ދެވަނަ ހޯދާފައެވެ. އަދި އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދާފައެވެ. އަދި މޯހަން އާއެކު އެ ޓީމުން ވަނީ މުޅިން އަލަށް މި ސީޒަނުގެ ޗެރިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ. މޯހަން އަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ ކޯޗެކެވެ.
ސަސްއިން ނާދު ވަކިކޮށް މޯހަން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސިއިރު، ސަސްއިން ވަނީ މި ސީޒަނުގައި ނާދުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލީގުގައި މިހާތަނަށް ސަސް ހަ މެޗު ކުޅެފައިވާއިރު، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ.
މި ސީޒަނުގައި މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގު ކުޅެމުން އަންނަ ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ. މޯހަންގެ އިރުޝާދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ލީގުގައި ސަސް ނުކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ.