ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 12:27
ކަލިއާރީ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން
ކަލިއާރީ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ކަލިއާރީ ބަލިކޮށް މިލާނުން ލީޑު ދަމަހައްޓައިފި
ކަލިއާރީ އަތުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުން
ތާވަލުގެ އެއްވަނައިގައި މިލާން އޮތީ 43 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ކަލިއާރީ ބަލިކޮށް އޭސީ މިލާނުން ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.

ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. މިއީ އޭރިއާ ތެރެއިން އިބްރަހިމޮވިޗަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އަދި މެޗުގައި މިލާނުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އިބްރަހިމޮވިޗެވެ. މި މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ މި ސީޒަނުގެ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގައި 12 ލަނޑު ޖަހާފައެވެ. އަދި އިޓާލިއަން ލީގުގައި އިބްރަހިމޮވިޗް މިހާތަނަށް ކުޅުނު މެޗަކުން މިލާން ބަލިވެފައެއް ނުވެއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި މިލާނުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، އެ ޓީމުން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ އަލެކްސިސް ސައެލެމައެކާސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.

މި މޮޅާއެކު މިލާނުން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ދެމެހެއްޓީ ކުޅުނު 18 މެޗުން 43 ޕޮއިންޓް ހަަމަކޮށްގެންނެވެ. ތާވަލުގެ ދެވަނައިގައި އިތް އިންޓަ މިލާނަށް 18 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި ހޯމަ ދުވަހުގެރޭ މިލާން އަތުން ބަލިވި ކަލިއާރީ އޮތީ ތާވަލުގެ 17 ވަނައިގައި 18 މެޗުން 14 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް