ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 23:42
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް
ޝުރުފާ މުހައްމަދު
ހައި-ސްޕީޑް ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުން
8 މަސްތެރޭގަ ފެރީގެ މަސައްކަތް އެއްކޮށް ނިންމާލުމަކީ ފަސޭހަ މަސައްކަތެއް ނޫން - އާޒިމް
41 ރަށުގައި ފެރީ ޓަރމިނަލްތައް އެޅުމުގެ މަސައްކަތް ކުރަން ޖެހޭ
މަސައްކަތް ކުރެވެމުން ދަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓިވެސް ޝާމިލު ވާގޮތަށް
މިހާރު ހިނގަމުން ދަނީ ސަރވިސް އެގްރީމަންޓުގައި ސޮއި ކުރުމުގެ މަސައްކަތް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް 8 މަސް ތެރޭގައި އެއްކޮށް ނިންމާލުމަކީ ކުރަން ފަސޭހަ މަސައްކަތެއް ނޫން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިކަން ވުޖޫދަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެގޮތުން މުވައްޒަފުން ނެގުމާއި، 41 ރަށުގައި ފެރީ ޓަރމިނަލްތައް އެޅުމާއި ފެރީތައް ވަނުމުގެ ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން މިހުރިހާ މަސައްކަތެއް ޕްލޭނިންގް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އެމްޓީސީސީ ގުޅިގެން އެއްކޮށް ކުރައްވަމުން ގެންދަވާކަން އާޒިމް ހާމަކުރެއްވިއެވެ. އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓިވެސް ޝާމިލު ވާގޮތަށް މަސައްކަތްތައް ހިނގަމުން ދާކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން ދާކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ފްރޭމް ވަރކް އެގްރިމަންޓުގައި ސޮއި ކުރެވިގެން ގޮސްފައިވާ ކަމަށާއި މިހާރު ހިނގަމުން ދަނީ ސަރވިސް އެގްރީމަންޓުގައި ސޮއި ކުރުމުގެ މަސައްކަތް ކަމަށެވެ.

ފްރޭމް ވަރކް އެގްރިމަންޓުގައި ސޮއި ކުރެވޭތާ 15 ދުވަސް ތެރޭގައި ސަރވިސް އެގްރީމަންޓުގައި ސޮއިކުރަން ޖެހޭ ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ ކޮންމެ ދުވަހަކު ދެ މިނިސްޓަރާ އެމްޓީސީސީއާއި އަދި ކޮމިޓީއަކާއި އެކު ކޮންމެ ހަފްތާއަކު ބައްދަލުވުންތަކެއް ބާއްވަމުން ދާކަމަށެވެ.

އާޒިމް ވިދާޅުވީ މިހުރިހާ މަސައްކަތަކީ މިއީ ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް ކުރެވިގެންދާ މަސައްކަތްތަކެއް ކަމަށާއި މިއީ ސަރުކާރުގެ ބޮޑު ވައުދެއް ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ އިތުރުން ސަރުކާރުންވެސް ކުރަން ނުހަނު ބޭނުން ކަމެއްކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް