ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އައިސް ފުރައިގެން ނުދެެވި ތިބި ބިދޭސީންނަށް ވޯކް ވިސާ ދޫކުރަން ނިންމާފައިވާ މުއްދަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިތުރުކޮށްދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރު ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާލާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެމްބަރ 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވަފިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
މިފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އިމިގްރޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ފުރައިގެން ނުދެވި ރާއްޖޭގައި މަޑުކޮށްގެން ތިބި ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އެގޮތުން ވޯކް ވިސާ ދޫކުރާނީ މިހާރު އޮތް ވިސާގެ މުއްދަތު ހަމަނުވާ ބިދޭސީންނަށް އެކަނި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ، ވިސާ ދޫކުރެވޭނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންނަށާއި، ސްޕެޝަލް ވިސާގެެ ދަށުން ރާއްޖެ އެތެރެވުމަށްފަހު، ވަޒީފާއެއް އަދާކުރަމުން އަންނަ ފަރާތްތަކަށް ކަމަށެވެ. އަދި މީގެ ތެރޭގައި ކްލަބްތަކާއި، އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ބިދޭސީންވެސް ހިމެނޭ ކަމަށް އިމިގްރޭޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އިމްގްރޭޝަނުން ވަނީ، ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާ އޮތް ބިދޭސީންގެެ ތެރެއިން ވޯކް ވިސާއަށް ބަދަލު ކުރުމަށް އެެދޭ ފަރާތްތަކުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރުމަށް އެެދިފައެވެ.