ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 16:23
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު
އެފްއޭއެމް
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 16 ޓީމު
މީގެ ކުރިން 22 ކުލަބަކުން ފޯމު ހުށަހެޅި
މުބާރާތް ފަށާނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 16 ޓީމު ބައިވެރިވެފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެފްއޭއެމުން ތިންވަނަ ޑިވިޝަނުގައި ބައިވެރިވާން ބޭނުންވާ ސްޕޯޓްސް ކޮމިޝަނުގައާއި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ އެ އެސޯސިއޭޝަނުގެ މެންބަރު ކުލަބު، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި އެސޯސިއޭޓް މެންބަރު ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ފުރުސަތު ހުޅުވާލީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފުރުސަތުގައި މުބާރާތުގައި ވާދަކުރަން 22 ކުލަބަކުން ފޯމު ހުށަހެޅި ނަމަވެސް، ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތަކެއް ހުރުމުން މީގެ ކުރިން މި މަހުގެ 17 ވަނަ ދުވަހަށް ލިޔެކިއުންތައް ހުށަހެޅުމަށް މުއްދަތު އިތުރުކޮށްދިނެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ކޮމްޕެޓިޝަން ޑިޕާޓްމެންޓުގެ ހެޑް އިސްމާޢީލް ރިޔާޒް ވިދާޅުވީ އެ މުއްދަތުގައި ލިޔެކިއުންތައް ހުށަހަޅާފައިވަނީ 16 ޓީމުން ކަމަށެވެ. އަދި މީގެ ކުރިން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް، މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ކަމަށްވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 16 ޓީމު ބައިވެރިވެފައިވާއިރު، އެފްއޭއެމުން މިހާރު ހަމަޖައްސާފައިވާގޮތުން ތިންވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅުންތެރިން ރަޖިސްޓްރީކުރުން އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ތިންވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ބައެއް ކުލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

މި އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމުން ނިންމިއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން މި މުބާރާތް 2018 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގައި 31 ޓީމު ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް