ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ފްރެއިބާގް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. އެއާއެކު އޭނާ ވެފައިވަނީ ފުރަތަމަ 16 މެޗުގައި 21 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ 62 ވަނަ މިނެޓުގައި ފްރެއިބާގުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިލްސް ޕީޓާސެންއެވެ. އެކަމަކު މެޗުގެ 74 ވަނަ މިނެޓުގައި ތޯމާސް މުލާ ވަނީ ލަނޑެއް ޖަހާ މި މެޗުން ބަޔާން މޮޅުކޮށްދީފައެވެ.
މި މޮޅާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 36 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް 16 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި އާދީއްތަ ދުވަހުގެރޭ ބަޔާން އަތުން ބަލިވި ފްރެއިބާގް އޮތީ ތާވަލުގެ ނުވަވަނައިގައި 16 މެޗުން 23 ޕޮއިންޓާއެކުއެވެ.