އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސަލަންސީ ކެރަން ރޮސްލަރ މިނިސްޓަރ އޮފް އިސްލާމިކް ޑރ. އަހުމަދު ޒާހިރު އަލީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އާދިއްތަ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުންނެވެ. އަދި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން މަޝްވަރާކުރެއްވިއިރު، މިނިސްޓްރީގެ ބެލުމުގެ ދަށުން އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ ޚަލީފާ ފައުންޑޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދެއެވެ. މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން ގިނަ މަސައްކަތްތައް ކުރިއަށްދެއެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ދަތިތައް ކުރިމަތިވި ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދިޔަކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް އިލްޔާސް ޖަމާލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.