ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އިންސްޓަރގްރާމް ބޭނުން ކުރަން ފެށިތާ 24 ގަޑިއިރު ނުވަނީސް އެއް މިލިއަން މީހުން އޭނާއަށް ފޮލޯ ކޮށްފިއެވެ. ކެޓްރީނާ ފާހަގަވެގެން ގޮސްފައިވަނީ އެހެން އެކްޓަރުންނާއި ތަފާތުކޮށް ސޯޝަލް މީޑިއާއާއި ބީރާއްޓެހި ފަންނާނެއްގެ ގޮތުގައެވެ. އޭނާ ފޭސްބުކް ބޭނުންކުރަން ފަށާފައިވަނީވެސް މިދިޔަ އަހަރު އޭނާ އުފަންދުވަހުގައެވެ. އޭނާގެ 33 ވަނަ އުފަންދުވަހުގެ މުނާސަބާގައި ފޭސްބުކް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ގައެވެ.
ކެޓްރީނާ އެންމެ ފުރަތަމަ އިންސްޓަގްރާމް ފޮޓޯ އަކީ ރާއްޖޭގެ މޫދެއްގެ ކައިރީގައި ނަގާފައިވާ ފޮޓޯ އެކެވެ. އެއީ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ އާއެކު ހާޕާ ބާޒާރް ބްރައިޑް އިންޑިއާ މެގަޒިންގެ ފޮޓޯ ޝޫޓަކަށް އައިސް ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. އެ ފޮޓޯ އާއެކު ކެޓްރީނާ ވަނީ މިއީ މުޅިން އާ ފެށުމެއް ކަމަށް ބުނެފައެވެ. ކެޓްރީނާ އިންސްޓަގްރާމާ ގުޅުނުއިރު އޭނާގެ އެކައުންޓް ވަނީ ވެރިފައިވެސް ކޮށްފައެވެ.
ކެޓްރީނާއަށް އިންސްޓަގްރާމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނެވެ. އެ ދެ ތަރިންގެ ޝޫޓް ކުރަމުން އަންނަ ފިލްމު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލަމުން ސަލްމާން ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ. ސަލްމާންގެ އިތުރުން ބަތަލާ އާލިއާ ބަޓް ވެސް ކެޓްރީނާ އިންސްޓަގްރާމާ ގުޅުމުން ކުރި ޕޯސްޓެއްގައި ވަނީ އެމީހުންގެ މަސައްކަތުން ކެޓްރީނާ އެންމެފަހުން އިންސްޓަގްރާމަށް ވެސް ގެނެވިއްޖެ ކަމަށެވެ.
އިންސްޓަގްރާމާ ގުޅުމަށްފަހު މީޑިއާ ތަކަށް މައުލޫމާތު ދެމުން ކެޓްރީނާ ބުނެފައިވަނީ އޭނާ އިންސްޓަގްރާމާ ގުޅޭތީ އިންސްޓަގްރާމްގެ އިންޓަނޭޝަނަލް ޓީމެއް އެމެރިކާއިން އިންޑިއާއަށް ގޮސް ކުޑަ އިވެންޓެއް އިއްޔެ ބާއްވަން ރާވާފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އެ އިވެންޓް ކެންސަލްވީ އެދުވަހަކީ ވިނޯދް ކަންނާ މަރުވި ދުވަސްކަމުގައިވާތީ އޭނާއަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް ކެޓްރީނާ ބުނެފައިވެއެވެ.