ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި މިހާރު 08 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނީ ހައި ރިސްކް މީހުން ކަމަށެވެ. މިހާރު އެންމެންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ދެއްވަދޫގެ 6 މީހަކާއި ދާންދޫގެ 2 މީހެކެވެ.
ވިލިނގިލީގެ އާންމު ހާލަތަށް އަލިއަޅުއްވާލައްވާ ޝަރީފް ވިދާޅުވީ އެރަށުން ޕޮޒިޓިވްވި ސްކޫލު ދެކުދިން ފިޔަވައި އަދި އިތުރު މީހަކު ޕޮޒިޓިވްވެފައިނުވާ ކަމަށެވެ. އަދި ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ވިލިނގިލީގެ އިތުރުން ދެއްވަދޫއާއި ދާންދޫއިން މުޅި ޖުމްލަ 600ށްވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އުމުރުން ދުވަސްވީ މީހުންނާއި، ނޭވާއަށް އުނދަގޫވާ މީހުންނަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. ޝަރީފް ވިދާޅުވީ ކޮވިޑްގެ އިތުރުން އެހެނިހެން ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކާއި، މިހާލަތާ ގުޅިގެން ހާސްވެ ކަންބޮޑުވާ ފަރާތްތަކަށް ކައުންސިލިންގ ޚިދުމަތްތައް ދެމުންދާ ކަމަށެވެ. އަދި ޝަރީފް ވިދާޅުވީ ބަލީގެ އަލާމާތެއް ކުޑަ މިންވަރަކަށް ފެނުނު ނަމަވެސް އަމަލުކުރަން ޖެހޭ ގޮތް އެނގޭނެ ކަމަށާއި، އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ކޮވިޑްގެ ކޭސްތައް ފެނިފައިވާތީ ހުރިހާ ރައްޔިތުން ވެސް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހާރު ވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ޝަރީފް ފާހަގަކުރެއްވިއެވެ.