ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 09:29
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުން
ޓްރެކާއެކު ޒާހިރު ނަޞީރުގެ ހަނދާންތައް އާވެގެންދޭ: ރައީސް ޞާލިޙް
ކުޅިވަރުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކާއެކު، ޒާހިރު ނަސީރުގެ ނަންފުޅު ހަނދާނަށް ގެންނަން ޖެހޭ
މިހާރު ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިފައިވީ ނަމަވެސް ކުރިން ޓްރެކަކީ އޮށްގަލާއި އަކިރިއާއި ކަށިވެލީގެ ބިމެއް

އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވިގެންދިޔައިރު، ޓްރެކާއެކު ހަނދާނަށް އަންނަނީ ރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، ދިވެހި ކުޅިވަރުގެ ބައްޕަ އަލްމަރްޙޫމް ޒާހިރު ނަޞީރުގެ ހަނދާންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ސިންތެޓިކް ޓްރެކް ހުޅުއްވައިދެއްވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކުޅިވަރުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކާއެކު، ދިވެހި ކުޅިވަރުގެ ބައްޕަ އަލްމަރްޙޫމް ޒާހިރު ނަޞީރުގެ ނަންފުޅު ހަނދާނަށް ގެންނަން ޖެހޭނެ ކަމަށާއި، މިހާރު ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިފައިވީ ނަމަވެސް ކުރިން ޓްރެކަކީ އޮށްގަލާއި އަކިރިއާއި ކަށިވެލީގެ ބިމެއް ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ޓްރެކް ސަރަހައްދުގައި ހަވީރު ވަގުތުތަކުގައި ޒާހިރު ނަޞީރު އުޅުއްވާނީ ވޮލީ ކުޅުންތެރިންނާއި، ކްރިކެޓް ކުޅުންތެރިންނާއި، ގައުމީ އެތުލީޓުން ގޮވައިގެން ކަމަށާއި، ޓްރެކް ދަނޑުގައި ޒާހިރު ނަޞީރުގެ ބެލުމުގެ ދަށުން މަންޑި މުބާރާތްތަކާއި ބަށި މުބާރާތްތައް އަހަރުތަކެއް ވަންދެން ވަނީ ބައްވާފައި ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއަދު ރާއްޖޭގެ ކުޅިވަރު ތަރައްގީވެފައި މިއޮތް ފެންވަރަށް ތަރައްގީވެފައި ވަނީ ޒާހިރު ނަޞީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ހަޔާތުން ޒާހިރު ނަޞީރުގެ ނަންފުޅު ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ދިވެހި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީވެ މިއޮތް ހިސާބަށް އައިސްފައި މިވަނީ ގިނަ ބައެއްގެ ގުރުބާނީއާއެކު، އޭގެ ތެރެއިންވެސް ދިވެހި ކުޅިވަރުގެ ބައްޕަ ޒާހިރު ނަޞީރަކީ ފާހަގަ ކުރަންޖެހޭ ފަރާތެއް. ދިވެހި ކުޅިވަރު މިއަދު މިދެކޭ ތަރައްގީގެ ފަހަތުގައި ވަނީ ޒާހިރު ނަޞީރު. އެހެންކަމުން މިއަދު މި ހުޅުވޭ ޓްރެކާއެކު ޒާހިރު ނަޞީރުގެ ހަނދާންތައް އާކުރަން ޖެހޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

މާލޭ އެކުވެނި ދުވާ ޓްރެކަކީ ކުރިން ފުޓްބޯޅަ ކުޅެން ބޭނުންކުރި ދަނޑެކެވެ. ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް އެ ދަނޑުގައި ވަނީ ކުޅެފައެވެ. 1990 ގެ އަހަރުތަކުގައި، ޑރ. މުޙައްމަދު ޒާހިރު ހުސައިން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ އެކި ދަނޑުތަކުގައި ވިނަ ހެއްދުމަށް ފެށި ޕްރޮގްރާމާއެކު، ޓްރެކް ދަނޑުގައިވެސް އޭރު ވިނަ ހައްދާ ތަރައްގީކުރިއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޒާހިރު ނަޞީރަކީ ކުޅިވަރު ކުޅޭ ހުރިހާ ދަނޑެއް ކަހަލަ ގޮތަކަށް ވުޖޫދަށް ގެންނެވި ބޭފުޅާއެވެ. އެގޮތުން އެކުވެނި ސިންތެޓިކް ޓްރެކަކީ ޒާހިރު ނަޞީރު ކުރެއްވި ބުރަ މަސައްކަތުން ވުޖޫދުވެގެން އައި ތަނެކެވެ. އަދި ގައުމީ އެތުލީޓުން ކުރިއަރުވަން ޒާހިރު ނަޞީރު ވަނީ އަމިއްލަ ޖީބުން ޚަރަދުކުރައްވާ އެތަކެއް ގުރުބާނީއެއް ވެވަޑައިގެންފައެވެ. އެހެންކަމުން ދިވެހި ކުޅިވަރުގައި ޒާހިރު ނަޞީރު ފާހަގަވެފައިވަނީ "ދިވެހި ކުޅިވަރުގެ ބައްޕަ" ގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް